މި ސަރުކާރުން ތިބީ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުން ނިކަމެތިކޮށްލާފައިކަމަށް މި ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
"ޤަބޫލުކުރައްވާ މިއަދު ތިތިބީ [ހުޅުމާލެ ފޭސް 1 އަދި 2 ގެ ރައްޔިތުން] ހަޤީޤަތުގައި ސަރުކާރުން ނިކަމެތިކޮށްލާފައި ތިބި ބައެއް" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުން ހަމައެކަނި ކުރިކަމަކީ ފްލެޓް ދިނުމާއެކު ފްލެޓު ލިބުނު ރައްޔިތުން ދަރަނިވެރިކުރުވުން ކަމަށެވެ. އެ ފްލެޓު ހެދުމަށްޓަކައި އެތައް މިތަނުން އެކި މީހުން އަތުން ބޮޑެތި ލޯނު ނަގައިގެން އެތަން ހަދައި ދިރިއުޅެމުންދާ އެތައް ބަޔަކު އުޅުއްވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދުކޮށް އިމާރާތްކުރެވިފައިހުރީ އެންމެ ރަނގަޅު ގޮތުގައި ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އަޅާފައި ހުރި އިމާރާތެއް އަލުން ތަޅާލައި ބަދަލެއް ނުކުރެވޭނެކަމަށާއި އަދި ޚާއްސަކޮށް ރައްޔިތުންނަށް ދީފައިވާ ގޯއްޗެއް އަތެއް ނުލައްވާނެކަމަށެވެ.
"އަޅާފައޮތް އިމާރާތެއް އަލުން ތަޅާލައި އަލުން ބަދަލެއް ނުގެނެވޭނެ، ދީފައޮތް ގޯއްޗެއް އަނބުރާ އަތެއް ނުލާނަން، ދީފައޮތް ފްލެޓެއް އަނބުރާ އަތެއް ނުލާނަން"
ދަނގެތީގެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ އެމަނިކުފާނު ކެންޕެއިން ދަތުރުގައި ހުޅުމާލޭގެ ފޭސް އެކެއްގެ ގޭގެއަށާއި ފޭސް ދޭއްގެ އެޕާޓުމަންޓުތަކަށް ޒިޔާކުރިކުރުމުން ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ފެނިވަޑައިގެންކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރު ނޫންކަމަށް ނާޒިމް ގޮވާލެއްވިއެވެ.
މި ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރޭގައި ދެވުނު ފްލެޓެއްގެ ހާލަތު ކިޔާދެއްވަމުން ނާޒިމް ވިދާޅުވީ މިހާރު ހުޅުމާލެ ފޭސް ދޭއްގެ ފްލެޓުތަކަށް މީހުން ބަދަލުވިތާ ގާތްގަނޑަކަށް ތިންއަހަރު ވެއްޖެކަމަށާއި ނަމަވެސް އަދިވެސް ބިންމަތީ، ކަރުދާސް ފޮށިގަނޑު އަޅައިގެން ނިދާ މީހުން އެބަތިބި ކަމަށެވެ.
"އަޅުގަނޑަށް ދެވުނު ފްލެޓެއްގައި ބިންމަތީ އޮތީ އަދިވެސް ކާޑު ބޯޑު އަޅާފައި، އޭގެ މަތީގައި ސްލޯފިން އަޅައިގެން މީހުން ދިރިއުޅެމުން ދަނީ، އިށީންދެލާނެ ތަނެއް ނެތް، އޮށޯންނަނީ ބިންމަތީގަ، އަދި އެގެއަކު ދޮރެއް ނެތް، މިއީ ހާލަތަކީ!"
ނާޒިމް ވަނީ މިހާލަތުގައިވެސް ދިވެހިން ތިބެންވީ އަތްޖަހަންތޯ ސުވާލުކުރައްވާފައެވެ. އަދި މި ފްލެޓުތައް ރައްޔިތުންނަށް ދިނުމުގެ ކުރިން އެމަނިކުފާނު މަޖިލީހުގެ ކޮމިޓީގައި މިކަމާ ދެކޮޅަށް ވަކާލާތުކުރެއްވިކަމަށް ވެސް ވިދާޅުވިއެވެ.
"މި ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން، އަޅުގަނޑު މަޖިލީހުގެ އަޅުގަނޑު ނިސްބަތްވާ ކޮމިޓީގައި އިނިން، އެ ކޮމިޓީގައި މިނިސްޓަރު ހާޒިރުކުރިން، އަޅުގަނޑު މިނިސްޓަރަށް ދެންނެވިން މިނިސްޓަރ އޭ އެއްވެސް ގޮތަކަށް ކުރާވަރު ކަމެއް ނޫނޭ ތިއީ، ތިތަން ފުރިހަމަނުކޮށް މީހުން ވެއްދުމަކީ، ތިއީ މީހުން ދަރަނިވެރިކުރަން ކުރާ ކަމެއްހޭ!"
"މިނިސްޓަރު ދެއްވި ޖަވާބަކީ ތިމަންނަމެންގެ ސިޔާސަތަކީ މީހުންނަށް އެތަން ދިނުމޭ، މީހުން އެތަން އަމިއްލައަށް ހަދާނޭ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން މިހާރު ތިބީ ލައްކައިން މީހުންނަށް ނުވަތަ ތަންތަނަށް ދަރާފައިކަމަށާއި، ލޯނު ފައިސާ ދައްކައި، ކުލި ދައްކާފައި އިތުރު އެއްވެސް ފައިސާއެއް ނެތްކަމަށް ވިދާޅުވެފައެވެ.
"ޤަބޫލުކުރައްވާ މިއަދު ތިތިބީ [ހުޅުމާލެ ފޭސް 1 އަދި 2 ގެ ރައްޔިތުން] ހަޤީޤަތުގައި ސަރުކާރުން ނިކަމެތިކޮށްލާފައި ތިބި ބައެއް" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެކި ސަރުކާރުތަކުން އަމިއްލަ ބޭނުމަށް ހުޅުމާލޭގެ ފޭސް 1 ގައި އިމާރާތްކުރެވޭ ފްލޯގެ އަދަދު އިތުރުކުރަމުންދާކަމަށް ބުނެ ފާދުވިދާޅުވެފައެވެ. އަދި ފޭސް 2 ގައިވެސް ޓަވަރުތަކަށް ވަދެ ބެލުމުން މިއީ ދިރިއުޅެން އެކަށީގެންވާ ގޮތަށް އިމާރާތްކޮށްފައި ހުރި ތަނެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.