ޕާޓީ ދޫކޮށްފައި ގޮސް، ޕާޓީއަށް އައުމުން ޔަޤީންވަނީ އިންތިޚާބުގައި މޮޅުވާނެކަން: މާރިޔާ
ޕާޓީ ދޫކުރައްވައި ވަޑައިގަތުމަށްފަހު އަލުން އެނބުރި އިހު ހުންނެވި ޕާޓީއަށް ވަޑައިގަތުމުން ޔަޤީންވެގެންދަނީ އިންތިޚާބުގައި މޮޅުވާނެކަން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ މިއަދުު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، އެއް ސިޔާސީ ޕާޓީން އަނެއް ޕާޓީ އަށް މެންބަރުން ބަދަލުވުމަކީ އާންމުކޮށް ވެސް ކަން ހިނގާ ގޮތް ކަމަށާއި މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ ކަމަށެވެ.
އެމްޑީޕީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރެއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެނބުރި އެމްޑީޕީ އަށް ސޮއިކުރައްވުމާއި ގުޅިގެން ރައީސް ޞާލިޙު ދައުލަތުގެ ފައިސާގެ ބޭނުންކުރައްވައިގެން މަޖިލިސް މެމްބަރުންނަށާއި އެހެނިހެން މީހުންނަށްވެސް ރިޝްވަތު ދެއްވާކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.
ރައީސް ނަޝީދު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ، ދަ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގަތުމަށްފަހު އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވި މެންބަރުންނަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބު ކުރި މެންބަރުން ކަމަށާއި އެ މެންބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ އެފަދަ ތުހުމަތެއް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް އިދިކޮޅު ޕާޓީ ދޫކުރައްވައި މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތް ކަމަށާއި އޭގެ ފަހުން ކުރީގެ ރައީސ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅާގެ ވެރިކަމުގައި ވެސް ހިނގި. މެންބަރުން ޕާޓީ ދޫކޮށްފައި ދިއުމާއި އަލުން ޕާޓީ އަށް އައުމަކީ އެއީ އަބަދުވެސް ސިޔާސީ ހަގީގަތް، މޮޅުވާ ދިމާލަށް އެންމެން ވެސް އަންނާނެ، މޮޅުވާކަން ޔަގީންވީ އެއީ، ... އެ ބޭފުޅާގެ ވެރިކަމުގައި ހިނގި ކަންކަމާ ދޭތެރޭ އެ ބޭފުޅާގެ އަރިހުގައި ވެސް އައްސަވާލައްވާ، އަޅުގަނޑަކީ ވެރިކަމުގައި ހުރި މީހެއް ނޫން،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ސާފު އަޣުލަބިއްޔަތަކުން ރައީސް ޞާލިޙް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ތަން ފެނިވަޑައިގަންނާތީ ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތަކާއި ސިޔާސަތުތައް ތޮއްޑޫ ދާއިރާގައި ތަންފީޒު ކުރުމުގައި އެ ބޭފުޅާގެ ބައިވެރިވުން އޮތުމަށް ބޭނުންވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އޮފީސް ނިންމާލާފައި ދައުލަތުގެ ކާރުގައި ތެޔުހަރަދު ކޮށްގެން ޕާޓީ ޖަގަހަޔަށް އެދަނީ އެއީވެސް މާރިޔާ ގެ ރަސްމީ މަސައްކަތެއްތޯ !