ޚަބަރު ސިޔާސީ

ވިލިނގިއްޔާ ކޫއްޑޫއާ ބްރިޖަކުން ގުޅާލާނާން: ނާޒިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ، ފޮޓޯ: އެމްއެންޕީ

ގއ. ވިލިނގިއްޔާއި ކޫއްޑޫއާދެމެދު ބްރިޖަކުން ގުޅާލައި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކޮށްދެއްވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައިި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެއަތޮޅުގެ ރަށްތަކަށް ކުރެވުނު ޒިޔާރަތުން ފެނިވަޑައިގެންނެވި މަންޒަރުން ދޭހަވަނީ ފާއިތުވެދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި ތަރައްޤީއެއް އައިސްފައިނުވާތަނެވެ.

އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުން ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ރަށަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމުގައި އެންމެ ބޮޑު ނާރެހެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރެވެނީ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން، ދަތުރުފަތުުގެ ނިޒާމަށް ބަދަލު ނުގެނެހެއް މި ރަށެއް ތަރައްޤީއެއް ނުކުރެވޭނެ"

"އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މި ނަފާކުރުމަށްޓަކައި، އަދި އިޤްތިސާދު ސިންދަފާތު ކުރުމަށްޓަކައި ކޫއްޑޫއާ ވިލިނގިލި އިރާދަކުރެއްވިއްޔާ ބުރިޖަކުން ގުޅާލާނަން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބްރިޖަކުން މި ދެރަށް ގުޅާލެވިއްޖެނަމަ، ވިލިނގިލީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ޤަބޫލުކުރައްވަކަމަށެވެ.

ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާންކުރައްވަނީ، ފޮޓޯ: އެމްއެންޕީ

މީގެ އިތުރުން ނާޒިމް ވަނީ ވިލިނގިލީގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ކޫއްޑޫއަށް ޖައްސާ ފްލައިޓުގެ އަދަދު އިތުރުކޮށްދެއްވާނެކަމަށާއި، ވައިގެ ދަތުރުގެ އަގުތަކުން 20 އިންސައްތަ ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ގއ އަތޮޅު ސަރަހައްދުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ކޫއްޑޫ ފިޝަރީސް ކޮންޕްލެކްސްއަށް ގެންނާނެ ބައެއް ބަދަލުތައް ކިޔާދެއްވަމުން ނާޒިމް ވިދާޅުވީ އެރަށުގެ ކޯލްޑް ސްޓޯރޭޖު 10،000 ޓަނަށް އިތުރުކޮށްދީ، ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ޤާއިމު ކޮށްދެއްވާނެކަމަށާއި، އަދި ކޫއްޑޫ ބަނދަރަށް އެއްފަހަރާ 1500 ޓަނުގެ މަސް ކިރޭނެ ގޮތަށް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

"ކުންފުނިތަކުން މި ވަނީ މަސްވެރިކަމަށް ދާން ތިބި ހުރިހާ ޒުވާނުން އަތުލައިގަނެ، ކަސްތޮޅު އަޅުވައި، 8000 ރުފިޔާއަަކީ އެ މީހުންނަށް ހައްޤު މިންވަރު ކަމުގައި ބުނެދީފައި. އެ 8000 ރުފިޔާގައި ޖެހި އެ ކުދިން އެ ތިބީ ތާށިކޮށްލާފައި" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް އަޅާނުލާ ދޫކޮށްލާފައިވާކަމަށާއި މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ކުދިންވެސް ސަރުކާރު ކުންފުނިތަކުގައި ތާށިކޮށް "ކަސްތޮޅު" އަޅުވާފައިކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މަސްވެރިކަމުގެ ދާއިރާއަކީ ނަފާލިބޭ ދާއިރާއަކަށް ހައްދަވައިދެއްވާނެކަމަށާއި، އެގޮތުން އޮޑިފަހަރަށް ބޭނުންވާ ފެން ފިނިކުރާ ނިޒާމާއި، ބްރައިން ފްރީޒިން ޓޭންކު ދިގު މުއްދަތަކަށް ފައިސާ ދައްކާގޮތަށް ދޫކުރާނެކަމަށެވެ. އަދި މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މަސް އޮޑި ބަނދެދީ ހަމަ އެއުޞޫލުން ލިބޭނޭ ގޮތް ހައްދަވައިދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ގއ. ވިލިނގިއްޔާއި ކޫއްޑޫއާދެމެދު ބްރިޖެއް އެޅުމަށް 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަޝްރޫޢު ނުހިންގާ އޮތުމަށްފަހު، މި އަހަރުގެ ކުރީކޮޅު އެމްޓީސީސީ އާ އެ މަޝްރޫޢު ހަވާލުކުރެވިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!