ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްނުދެވެނީ، ސަރުކާރުތަކަށް އެކަން ކުރަން ނޭނގޭތީކަމަށް، މޯލްޑިވްސް ނޭޝަނަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.
"އެކަމަކު މި ސަރުކާރުން ވެސް އެކަން ކުރެއްވީ އެހެނެއް ނޫން. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރެއްވީކީ އެހެނެއް ނޫން. އެހެންވީމާ ނުއެއް ނިމޭނެ"
ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ކާމިޔާބު އެއް ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެއާމަންގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓާއި ހުޅުމާލޭގައި ހެދި ވަން ސެންޓްރަލް ހައުސިން އިމާރާތަކީ ވެސް އެ ކުންފުނިން ނިންމާދީފައިވާ 2 ޕްރްޖެކްޓުކަމަށާއި އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ބޯހިޔާވަހިކަމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ހައްދަވައިދެއްވާނެކަމަށެވެ.
"އާރުސީސީއަކީ އަޅުގަނޑުގެ ބައްޕަ އާއި އަޅުގަނޑުގެ ބޮޑުބޭބެގެ މަސައްކަތުން މި ހިސާބަށް ގެނެސް އަޅުގަނޑުމެންނާ ހަމައަށް އައި މަސައްކަތެއް. ވަރަށް ތެދުވެރި، އިޚްލާސްތެރި ބަޔަކު ތިބި ކުންފުންޏެއް އެއީ. އެ ކުންފުންޏަކީ ދުވަހަށް ކަންކަން ނިންމާ ކުންފުންޏެއް. އެހެންވީމާ އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ސަރުކާރެއްގައި ރާއްޖޭގައި ބޯހިޔާވަހިކަމަކީ ވަރަށް ފަސޭހަ ކަމަކަށް ހަދާނަމޭ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި 5 އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ބުނެ އެކަން ނުކުރެވި ނޯންނާނެކަމަށެވެ.
އަދި އަދުގެ ސަރުކާރާއި ކުރީގެ ސަރުކާރުތަކަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވެނީ، އެކަން ކުރަން ނޭނގޭތީކަމަށް ބުނެ ނާޒިމް ވަނީ ފާޑުކިޔުއްވާފައެވެ.
"ބިލްޑިންގެއް ނިމެން ނަގާ ގާތްގަނޑަކަށް ދެ އަހަރާއި ދެ އަހަރު ބައި. ގާތްގަނޑަކަށް 120 އެޕާޓްމަންޓްގެ ބިލްޑިންގެއް ނިންމަން ނަގާ 24 މަސް ދުވަސް. އެހެންވީމާ މިހާރު ވެރިކަމާ ހަވާލުވެގެން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެކަން ކުރަން ބޭނުންވެއްޖެ ކަމަށް ވަންޏާ، އޭގެ ދެ އަހަރު ފަހުން އެކަން ނިމޭނެ" ނާޒިމް ވިދާޅުވިއެވެ.
"އެކަމަކު މި ސަރުކާރުން ވެސް އެކަން ކުރެއްވީ އެހެނެއް ނޫން. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރެއްވީކީ އެހެނެއް ނޫން. އެހެންވީމާ ނުއެއް ނިމޭނެ."