ޚަބަރު ސިޔާސީ

ޝަރުއީ ދާއިރާ ހިންގެވުމުގައި ޕީޕީއެމްވެސް އެމްޑީޕީވެސް ކިޔެވީ އެއްފޮތަކުން: އަމީން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޝަރުޢީ ދާއިރާ ހިންގެވުމުގައި ޕީޕީއެމް އަދި އެމްޑީޕީންވެސް ކިޔެވީ އެއް ފޮތަކުން ކަމަށާއި ސަރުކާރު ހިންގަވަނީ އެއްގޮތަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ރަނިންމޭޓް، އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަމީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހުރި އިޖްތިމާއީ، ޤައުމީ އެކި މައްސަލަތަކާއިމެދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ވިސްނުންފުޅާއި ތަޞައްވަރު ހާމަކުރުމަށް ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ރަނިންމޭޓުންގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ކެންޑިޑޭޓުންގެ ވިސްނުންފުޅު ހުރި ގޮތެއް ބެއްލެވުމަށްޓަކައި ޕްރެޒެންޓަރު ކުރެއްވި ސުވާލުގެ ޖަވާބަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވި ވިދާޅުވުމަކަށް ރައްދުދެއްވަމުން އަމީން ވިދާޅުވީ، އެމްޑީޕީންނާއި ޕީޕީއެމުންވެސް ކިޔުއްވީ އެއްފޮތަކުން ކަމަށާއި އިންސާފުގެ ވާހަކަ ދައްކަވާތީ ހިނި އަންނަކަމަށެވެ.

ޕްރެޒެންޓަރުގެ ސުވާލަށް ޖަވާބުދެއްވަމުން ސެމްބެ ވަނީ މި ސަރުކާރުން ރައީސް ޔާމީނު ނިކަމެތިކޮށްލެވުމުގެ ބޭނުމުގައި އެމަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާދެއްވަނީ ގަސްތުގައި ކަމަށާއި، ޑރ. މުއިއްޒުގެ ވެރިކަމެއްގައި އަދުލު އިންސާފުގެ ނިޒާމުގައި އިސްލާމީ ޝަރީޢަތް ޤާއިމުކޮށް، މި ސަރުކާރުން މިކުރައްވާ ކަންތައްތައް ނިމުމަކަށް ގެންނަވާނެކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަމީން ވިދާޅުވީ ކުރީގެ ސަރުކާރުން އެފަދަ ވާހަކައެއް ވިދާޅުވާތީ ހިނި އަންނަ ކަމަށާއި އެމްޑީޕީންވެސް ޕީޕީއެމުންވެސް ކަންތައްކުރަނީ އެއްގޮތަކަށް ކަމަށެވެ. އަދި މި ދެ ސަރުކާރުންވެސް ވެރިކަން ބޭނުންވެގެން އައި އިރު ޖޭއެސްސީ އިޞްލާހުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ނުކުރެއްވޭ ކަމަށް އަމީން ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީނުގެ ސަރުކާރުގައި ސިޔާސީ އެތައް ބަޔަކު ޖަލަށްލެއްވި ކަމަށާއި މި ސަރުކާރުންވެސް އެކުރަނީ ހަމަ އެއް ކަމެއް ކަމަށް ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ދިވެހި އެންމެ ފަރުދަކަށްވެސް އަދުލު އިންސާފު ނުލިބޭނަމަ އެއީ މައްސަލައެއް ކަމަށެވެ.

މި މައުޟޫއަށް އެހެން ކެންޑިޑޭޓުންވެސް ވާހަކަފުޅު ދައްކަވާފައިވާއިރު ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ދެއްކެވީ އެއްވާހަކައެކެވެ. އެގޮތުން، އިންސާފުވެރި ޝަރީއަތްތައް ހިންގަވާނެކަމަށާއި ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި ކޯޓުތައްވެސް އިންސާފުވެރިކަމާއެކު ހިންގާނެ ގޮތްތައް ޤާއިމުކުރައްވާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މިރޭ ކުރިއަށްދާ މި ޕްރޮގުރާމުގައި ކޮންމެ ރަނިންމޭޓަކަށް އެބޭފުޅެއްގެ ތަޢާރަފާއި، މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތާއި ސިޔާސަތުތަކާއި އެނޫންވެސް ގިނަ ކަންކަން ހާމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދައުލަތުގެ މީޑިއާއިން ބުނީ ހުރިހާ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ދައުވަތު ދެވުނު ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ރަނިންމޭޓް މުހައްމަދު އަސްލަމާއި، މިނިވަން ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް މާސް ސަލީމް ބައިވެރިވެ ވަޑައި ނުގެންނެވިކަމަށެވެ.

  1. ރަސީދު ފޭދޫ

    ދެރަކަމަކީ އެމްޑީޕީޔައްވެސް ޕީޕީއެމައްވެސް ރައްޔަތުންގެ ތާއީދު އޮވެފަ ތިކަހަލަ ކިނޑުކޮހުން ރައްޔަތުން ބަލައނުގަތީމާ ދޯ ކަލޯމެން ތީ ވަގުން މިއޮއްހާދުވަހު ފިލާތިބެފާއިއްޔެ ގޭގޭބަދިގެޔައް ވަނަކަސް ރައްޔިތުންތިބަގަ ބަލައިނުގަންނާނެ

  2. އަލީ ރަސީދު

    އަމީނު ވިޔަސް އެބުނީ ހެޔޮކޮށް. އެމްޑީޕީއަށް ފުރުޞަތު ދެވިއްޖެ. ޕީޕީއެމްއަށް ފުރުޞަތު ދެވިއްޖެ. ވީކަމެއް ހަރާން. ދެން ވެސް މިކިޔަނީ ވެރިކަން ދޭށޭ.