ރާއްޖޭގައި މިހާރު އޮތް ދަރަނީގެ މައްސައަށް އިޝާރާތްކުރައްވައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ އިންތިޚާބީ އޭޖެންޓް އަދި އެޕާޓީގެ ކުރީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕެއިންގައި ހަރުއަޑުން "އުފާވެރި އަމާން ރާއްޖެ"އޭ ވިދާޅުވިނަމަވެސް މިއީ "ދަރަނި ރާއްޖެއެއް" ކަމަށެވެ.
ޢަލީ ވަޙީދު މިހެން ވިދާޅުވީ ޅ. ނައިފަރުގައި ބޭއްވި ކެންޕެއިން ޖަލްސާގައި އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ސަރުކާރުތަކަށް ފާޑުކިޔުއްވަމުން ޢަލީ ވަޙީދު ވިދާޅުވީ އެކި ޕާޓީތަކުގެ ވެރިކަން ދިވެހިން ދެކެފައިވާކަމަށާއި، މިއިން ކޮންމެ ވެރިކަމެއްގައިވެސް އެއްގޮތްވަނީ ބޭރު ޤައުމުތަކުން ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން މި ޤައުމު ދަރަނިވެރިވުންކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ އެއްބަޔަކު "ދިވެހީންގެ ރާއްޖެ"އޭ ކިޔައިގެން ނިކުމެއުޅޭއިރު އަނެއް ބަޔަކު "އުފާވެރި އަމާން ރާއްޖެ"އޭ ގޮވިނަމަވެސް، ޤަބޫލުކުރަންވީ ހަޤީޤަތަކީ ދިވެހީންގެ މި ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރުކަމަށެވެ.
މިވާހަކައާ ގުޅުވައި ޢަލީ ވަޙީދު ވަނީ ފަހުގެ ތާރީޚެއްގައި ރާއްޖެ ނުނަގާވަރުގެ ބޮޑު ލޯނެއް މި ސަރުކާރުން ނަގާފައިވާތީ އެކަމަށް ފާޑުކިޔުއްވާފައެވެ. އެ ލޯނަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކައި ޚަލާސްކުރަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ލޯނެކެވެ.
އެއީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނަކާއި, 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސްކޫކެވެ.
ރާއްޖެއިން މިހާރުވެސް އެވްރޭޖު ގޮތެއްގައި އަހަރެއްގެ މައްޗަށް 150-300 މިލިއަން ޑޮލަރު (2.3-4.6 ބިލިއަން ރުފިޔާ) ގެ ދަރަނި ދައްކަމުންދެއެވެ. މިއީ އަބޫދާބީ ފަންޑުން ދޫކޮށްފައިވާ ލޯނާއި ސްކޫކުގެ އިތުރަށް ދައްކަމުންދާ ދަރަންޏެކެވެ.
ޢަލީވަޙީދު ބުނިކަމުގައިވިޔަސް ތެދެއްވާނީ ތެދަކަށް