ރައްޔިތުންގެ ފައިސާގައި ނުޖެހޭނަމަ ހުރިހާ ލޯނަކާއި ކުއްޔެއް މާފުކޮށްދެވޭނެ: ޤާސިމް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން އެކަން ކުރެއްވޭނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާތީ, އެކަން ކުރައްވާނެ ގޮތް ޤާސިމް އިބްރާހީމް ކިޔާދެއްވައިިފިއެވެ.
ޤާސިމް އެ ފަރާތްތަކަށް ރައްދު ދެއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ, ލޯނުތައް މައާފްކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން ފާޑު ކިޔަސް, އެކަން ކުރައްވާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރުތަކުން ޕްރޮޖެކްޓްތަކުގެ ސައިޑުން ނަގާ ފައިސާ، ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ ފައިސާ ސަލާމަތް ކޮށްފިއްޔާ އެކަހަލަ ހައުސިން އަކަށް އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. މިކަހަލަ އެސްއެމްއީ ލޯން އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. އަދިވެސް އިތުރު އެއްޗެހި އެބަހުރި މާފުކޮށްދެވޭނެ." ގާސިމް ވިދާޅުވީ ލޯނުތަކާއި ކުލި މައާފްކޮށް ދޭނީ ސަރުކާރުތަކުން ކޮރަޕްޝަނުން ބޭކާރުކުރާ ކުރާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށްގެންނެވެ.
"އެކަން އަޅުގަނޑު ކުރާނެތީ އަޅުގަނޑު މި ދަންނަވަނީ މާތްﷲ ގެ ވާގިފުޅާއެކު ވެރިކަން އަޅުގަނޑާ ހަވާލުކޮށްދެއްވައިފި ނަމަ އެކަން އަޅުގަނޑު ކޮށްދޭނަމޭ."
ގާސިމް އިބްރާހީމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށާއި، މިއަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"އަޅުގަނޑު ކޮށްދޭނަމޭ، އެކަން ކުރާނަމޭ. އަޅެ ގޮތް ބަލާލަން ހަވާލުކޮށްލަންވީނު." އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވިއެވެ.