ޚަބަރު ސިޔާސީ

ދެކޮޅު ނުޖެހޭ ވަޢުދުތައް ވާއިރު، މިއުޅެނީ މާވަހަރު އޮޑިއެއް ލައްގައިގެންތޯ؟: އުމަރު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ސަންގު ޓީވީއިން ބޭއްވި ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްގެ ތެރެއިން، ފޮޓޯ: ސަންގު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެންޕެއިން ސިޔާސަތުތަކާއި ވަޢުދުތަކަށް ގޮންޖައްސަވައި، ރާއްޖެއަށް މިއުޅެނީ މާވަހަރު އޮޑިއެއް ލައްގައިގެންތޯ އައްސަވައި، މި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުމަރު މިމޭރުމުން ވާހަކަ ދެއްކެވީ، ރޭ ބޭއްވި ސަންގު ޓީވީގެ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކާއި ގުޅިގެން އެހެން ކެނޑިޑޭޓުން ދެއްވި ޖަވާބާއި ގުޅުވާފައެވެ. އުމަރު ވަނީ ކެނޑިޑޭޓުން ދައްކާ ވާހަކަތަކަކީ ފޮނި ވާހަކަތަކެއްކަމަށް ބުނެ، އެ ހުރިހާ ކަމެއްކުރަން ފައިސާ ހޯދަނީ ކޮންތާކުންތޯ ސުވާލުކުރައްވާފައެވެ.

"މިދައްކާ ހުރިހާ ވާހަކަ މިއީ ސްވީޓް ޓޯކް، މިއުޅެނީ މާވަހަރު އޮޑިއެއް ލައްގައިގެންތޯ އަޅުގަނޑުމެންނަށް؟ ކޮންތާކުންތޯ ފައިސާ ހޯދާނީ އަޅުގަނޑުމެން މިހުރިހާކަމެއް ކުރަން؟ އަނެއްކާ ބޮރޯ ކުރަންވީތޯ؟ އަނެއްކާ ދަރަނި މައްޗަށް ދާންވީތޯ؟ އަނެއްކާ އިންޑިޔާއާ ދިމާލަށް އަތް ދިތްކުރަންވީތޯ؟ ނޫނީ ޗައިނާއާ ދިމާލަށް އަތް ދިތްކުރަންވީތޯ އަޅުގަނޑުމެން؟ ދެކޮޅުޖެހޭ ވާހަކަ އަޅުގަނޑުމެން ދައްކަންވާނީ" އުމަރު ވިދާޅުވިއެވެ.

މި މަޢުލޫއަށް އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މި އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ވެރިކަން ލިބުނަސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާނެކަމަށެވެ. އަދި މިކަމުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެޗްޑީސީ ނަމަކަށް ކިޔާ ކުންފުންޏެއް އުފެއްދުން ކަމަށާއި، އެތަނުން ބޭނުން މީހަކަށް ގޯތިތައް ބަހައި، ކަޓު ނަގައި ބިންތައް ވިއްކަމުންދާކަމަށެވެ.

މީގެ ނަތީޖާއަކީ، އެންމެ ދެރަ ނިކަމެތިމީހާ އަށް ބޮޑު އަގުގައި ގޯތި ލިބި، މުއްސަނދި މީހާއަށް ކުޑަ ކަޓެއްދީގެން ބިން ލިބުންކަމުގައި އުމަރު ފާހަގަކުރެއްވިއެވެ.

ސްކޫލް ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކު، ސިފައިންގޭގައި ޚިދުމަތްކުރުން

އުމަރުގެ ވެރިކަމެއްގައި ސާނަވީ ތަޢުލީމު ނިންމާފައި ނުކުންނަ ކޮންމެ ފިރިހެން ކުއްޖަކު، ސިފައިންގޭގައި ދޮޅު އަހަރު ޚިދުމަތް ކުރަންޖެހޭނެކަމަށާއި މިއީ މުރާލި، ޒުވާން ޖީލެއް ބިނާކުރުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ދަރިން ޓީވީ ގޭމްތަކާ އެއްޗެހީގައި ބައިތިއްބައިގެން މި އުޅެނީ, އެކްޓިވިޓީސްގެ ތެރެއަށް އެބަޖެހޭ އަޅުގަނޑުމެންގެ ދަރިން ލާން ސްކޫލް ދަރުއުން ފެށިގެން, އޭގެ ފަހުން ކޮންމެ ފިރިހެން ކުއްޖަކީ ސްކޫލް ނިންމުމަށްފަހު ނެޝަނަލް ސާވިސް ފުރިހަމަކުރަންޖެހޭ ކުއްޖަކަށް ވާންޖެހޭ, އެއީ ސިފައިންގެއަށް ޚިދުމަތް ކުރަންޖެހޭނެ ދޮޅު އަހަރު މަދުވެގެން، އޭރުން އަޅުގަނޑުމެންނަށް ބިލްޑުކުރަމުން ގެނެވޭނެ ހީވާގި، މުރާލި އަދި އަޙުލާޤު ރަނގަޅު ޖެނެރޭޝަނެއް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖެ މިހާރު ދަތުރުކުރަމުންދާ މިސްރާބު ބަދަލުކުރަން ބޭނުންވާނަމަ، ހީވާގި، މުރާލި އަދި ޓާޝަރީ ތަޢުލީމާއި ހުނަރުވެރި ޖީލެއް ގެންނަންޖެހޭކަމަށެވެ. އެގޮތުން އެބޭފުޅާގެ ސަރުކާރެއްގައި ސްކޫލް ދައުރުގައި ކެޑޭޓް ފަދަ އިތުރު ހަރަކާތެއްގައި އުޅެންޖެހޭނެކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!