ބޯހިޔާވަހިކަން ރަނގަޅުކުރުމަށް ޚަރަދުކުރަންވީ ހަމައެކަނި މާލޭގެ ސަރަޙައްދަށް ނޫން ކަމަށާއި ޚަރަދުކުރަންވީ ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކަށް ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މަޢުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީއިން ރިޔާސީ ކެނޑިޑޭޓުންނަށް އަމާޒުކޮށް ބޭއްވި "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުންނެވެ.
ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމަށް މިހާ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި މިވަނީ ހުރިހާ ސަރުކާރުތަކަކުން އެއްވެސް ރޭވުންތެރިކަމެއް، ވިސްނުމެއް ނެތި ސޯޝަލް ހައުސިންނާއި ކޮމާޝަލް ހައުސިން އެއްވެފައި ހުރުމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ އަގެއްގައި އެފަދަ ތަންތަނަށް ވަނުމުގެ ޤާބިލްކަން ގިނަ ރައްޔިތުންގެ ނެތްކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވަނީ މި ސަރުކާރުން މާލެ ރައްޔިތުންނަށް އަމާޒުކޮށް ހުޅުމާލެ، ގުޅީފަޅުން އަދި ގިރާވަރުފަޅުން ބިންތަކެއް ހިލޭ ބަހާލާފައިވަނީ ރިޝްވަތެއްގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ. އަދި މާލެ ސަރަޙައްދައް މީހުން ގިނަކުރުމުގެ ބަދަލުގައި ރާއްޖޭގެ އެހެން ސަރަޙައްދުތައް ތަރައްޤީކުރުން ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
"ދެން އަޅުގަނޑުމެން ބަހަނީ މި ހިލޭ، އަޅުގަނޑު ދަންނަވާނީ ރިޝްވަތެއްގެ ގޮތުގައި ބިންތަކެއް ބެހީމަ އަނެއްކާވެސް ސީދާ މާލެ ސަރަހައްދަށް ހުރިހާ އެންމެން އަންނަން ޑިމާންޑް މި ކްރިއޭޓް ކުރަނީ. ދެން ހުރިހާ ބޭފުޅުން މި ވިދާޅުވަނީ އެތަންތަން ހަދާނެ ގޮތެއް ހޯދައިދޭނަމޭ. އަޅުގަނޑުގެ ބޭނުމަކީ ރާއްޖޭގެ އެހެން ކަންކޮޅުތައް ތަރައްޤީކުރުން" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެބޭފުޅާގެ ސިޔާސަތަކީ ރާއްޖޭގެ އެހެން ސިޓީތަކާއި ރީޖަންތައް މީހުން ދިރިއުޅެވޭނެ ހާލަތަށް ގެނެސްދިނުންކަމަށާއި، އަދި އެތަނުގައި އާބާދުވާ މީހުންނަށް ބޭނުންވާނެ ވަޒީފާގެ ފުރުޞަތާއި، ސިއްޙީ އަދި ޢިލްމީ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށެވެ.
މިކަންކަން ކުރުމަށް ނޭޝަނަލް ޓްރަސްޓް ފަންޑެއް ޤާއިމްކުރައްވާނެކަމަށާއި، އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމުގައި ފާރިސް ވިދާޅުވިއެވެ. އެބޭފުޅާގެ ވިސްނުމަކީ ރާއްޖެ ތަރައްޤީކުރުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުންކަމަށާއި، އެއީ އެންމެންގެ ޚިޔާލު ހޯދައިގެން އެކުލަވާލާނެ ޕްލޭނެއްކަމަށް ފާރިސް ވިދާޅުވިއެވެ. މި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރެވޭ ޕްލޭނެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
މި މަޢުލޫއަށް އިތުރަށް ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މާލެ ސަރަޙައްދުން ދޫކުރި ގޯތިތައް 4 ފްލޯއަށް ހެދިނަމަވެސް 100،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިތުރުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެ ސަރަޙައްދައް އިތުރަށް މީހުން ޖަމާވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުތަކުން ވީ ރާއްޖޭގެ ބިންބޮޑެތި އެހެން ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމާއި އެހެނިހެން ގޮތްގޮތުން ތަރައްޤީކުރަންކަމަށް ފާރިސް ވިދާޅުވިއެވެ.