ޚަބަރު ސިޔާސީ

ޞިއްހީ ދާއިރާގެ މުސާރައަށް މި ސަރުކާރުން ގެނައި "މޮޅު ބަދަލުން"، ދާއިރާގައި އުޅޭ މީހުންނަށް ފައިދާއެއް ނުވި: ޑރ. މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރާއްޖޭގެ ޞިއްހީ ދާއިރާގެ މުސާރައަށް މި ސަރުކާރުން ގެނައި މޮޅު ބަދަލުގެ ސަބަބުން އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކަށް އެންމެ ރަނގަޅު ގޮތުގައި ފައިދާއެއް ނުވިކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ލ. ގަމުގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި ޞިއްހީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މޮޅުކަމެއް ކޮއްލުމުގެ ނިޔަތުގައި ޞިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް، މުސާރަ ބޮޑުކުރިނަމަވެސް، އެކަމުން މުޅި ޞިއްހީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަކަށް ފައިދާއެއްނުވާކަމަށެވެ.

"ޞިއްހީ ދާއިރާއަށް މި ސަރުކާރުން މޮޅުކަމެއް ކޮށްލަން ކަމަށް މުސާރަ އޮނިގަނޑެއް ގެނެއްސި، މުސާރަ ބޮޑުކުރުމަކީ ރަނގަޅުކަމެއް، އެހެން ނަމަވެސް، މުޅި ހެލްތު ސެކްޓާގައި އުޅޭ މީހުންނަށް އޭގެ ފައިދާއެއް ނުވި" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޞިއްހީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ފަރާތުން މުސާރައަށް ގެނައި ބަދަލާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ލިބެމުން އަންނަކަމަށާއި އެބޭފުޅާގެ ވެރިކަމެއްގައި މިކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އެންމެ ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވަނީ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފަރާތުންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެންމެ ދާއިރާއެއްގެ މަތީ ލެވެލްއަށް މުސާރަ ބޮޑުވި ނަމަވެސް އެހެންލެވެލްތަކަށް މުސާރަ ބޮޑު ނުވާ ކަމަށެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރުމުގައި ވެސް ލިމިޓްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މިފަދަ ކަންކަން އަޅުގަނޑުގެ ސަރުކާރެއްގައި ސީރިއަސްކޮށް ބަލައިދޭނަމޭ، ބަލައި ހެލްތު ސެކްޓާގެ ހުރިހާ މުވައްޒަފުންނަށް އޭގެ އެންމެ އަދުލުވެރި ގޮތުގައި މި ހުރިހާ މައްސަލައެއް ހައްލުކޮށްދޭނަމޭ" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އާސަންދަ ހިންގާ ގޮތަށްވެސް ފާޑުކިޔުއްވާފައެވެ. އެގޮތުން މި ސަރުކާރުން އާސަންދަ ބޭނުންކުރަނީ ސިޔާސީ ބޭނުމަކަށްކަމުގައި ވިދާޅުވިއެވެ.

"ހަޤީޤަތުގައި ވެސް ބޭނުންކުރަމުން އެބަދޭ، އިންތިޚާބު ގާތްވީމަ ބޭނުންވާ ބަޔަކަށް ފޭކް ލިޔެކިޔުންތައް ހަދައިފައި ފައިސާ ދޫކުރަނީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެޕާޓީގެ ވެރިކަމެއްގައި އާސަންދައިން އަހަރަކު ދެފަހަރު ހެލްތު ޗެކްއަޕް ހެދޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

ރޭގައި ގަމުގައި ބޭއްވި ޖަލްސާގައި މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޕީޕީއެމްއާ ގުޅިފައެވެ. އޭގެ ތެރޭގައި އެމޑީޕީގެ ޓިކެޓުގައި ގަމު ކައުންސިލަށް ހޮވިވަޑައިގެންނެވި ކައުންސިލްގެ ނާއިބު ރައީސް ޤަބްދުﷲ އާސިފް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!