ޚަބަރު ސިޔާސީ

އަޅުގަނޑުމެންނަށް ތަންކޮޅެއް އޯވަ ކޮންފިޑެންޓު ވެވުނީ، އެކަމަކު ދެވަނ ބުރުގައި މޮޅުވާނެ: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އަޅުގަނޑުމެންނަށް ތަންކޮޅެއް އޯވަ ކޮންފިޑެންޓު ވެވުނީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއް ބުރުން އިންތިޚާބު ކާމިޔާބު ނުކުރެވުނީ ތަންކޮޅެއް އޯވަ ކޮންފިޑެންޓުވެގެންކަމަށާއި ނަމަވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތާއި އެމްޑީއޭއިން ނުކުމެ ދެވަނަ ބުރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް, ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ހަރުގޭގައި ކެމްޕޭނުގެ ހަރަކާތްތެރިންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ނަތީޖާ ލިބުނީ "ކުރިން ބާރަށް ދުއްވާފައި ގޮސް ކުޑަކުޑަކޮށް މަޑުކޮށްލެވުނީމާ" ކަމަށާއި އެކަމަކު "ދެން އިރާދުކުރެއްވިއްޔާ އަތު ނުވާނެކަމަށެވެ.

"މި ތިން ޕާޓީ ނުކުމެ މީތި ގަދަ ކުރާނެ، ކުރި ހޯދާނެ، މޮޅުވާނެ، މޮޅުވާނެ، މޮޅުވާނެ" އިމްރާން ވިދާޅުވިއެވެ.

އަދި އެމްޑީޕީއަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެމްޑީޕީން ނުކުމެ ތިބި ސަބަބު އެނގިވަޑައިގަންނަވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިކުމެ މިތިބީ ރާއްޖޭގެ ސިޔާސީ މަސައްކަތެއްގައި އުޅޭ ހުރިހާ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާންވެގެން ނިކުމެ މިތިބީ، އެކަން އެންމެންނަށް އެނގޭ، ތިބޭފުޅުން ބައްލަވާ މިއަދުވެސް އެކި އެކި ބޭފުޅުން ވަކި ވަކި ސްޕީޗްތަކުން އެންމެ ގިނައިން އެބޭފުޅުންގެ ސްޕީޗުތަކުގައި އެކައްޗަކަށް ކިޔިފައި ހުންނާނީ އޭނަ ޖަލަށް ލާނަން، މީނަ ޖަލަށް ލާނަން، މީނަ ޖަލަށްލާނަން، މީނަ ބަންދުކުރާނަން" އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕޭނުގެ ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަޤީޤަތުގައިވެސް އޯވަ ކޮންފިޑެންޓު ވީ" އިމްރާން ވިދާޅުވިއެވެ.

އަދި މިހާރު މުޅި އެމްޑީޕީއަށާއި، އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ހުރިހާ ބޭފުޅުންނަށްވެސް ކުޑަކޮށް ސީރިއަށް ވާން ވެއްޖެކަން އެނގިވަޑައިގެންފިކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

"އާދެ މިއަދު އެހެންވެގެން ރައީސް އެ ވިދާޅުވީ މިހާރު ރައީސް މަސައްކަތް އެ ފެށްޓެވީ ކޮވިޑު ތެރޭގައި މަސައްކަތް ފެށްޓެވިގޮތަށް، ކޮވިޑު ތެރޭ ވަކި ވަކިން ކޮންމެ ރަށެއްގައި ކާޑު ހުރީ ކިހާވަރަކަށްތޯ ބަލަން، ކޮންމެ ރަށެއްގައި ބޭސް ހުރީ ކިހާވަރަކަށްތޯ ބަލަން" އިމްރާން ވިދާޅުވިއެވެ.

އަދި ރައްޔިތުން ފުންކޮށް ވިސްނަވަން ޖެހޭ ކަންތައްތައް އެބަހުރިކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވަޢުދުތަކެއްވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް މި ސަރުކާރުން ދިން ގޯތިތަކާއި ފްލެޓުތައް މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ އަތުލާނެކަމަށެވެ.

"ވިސްނަން އެބަޖެހޭ. ވައުދުތަކެއް މުއިއްޒު އެބަ ކުރައްވާ، އެކަމަކު އަޅުގަނޑުމެންނަށް އެބަ އިނގޭ މާލެ ރައްޔިތުންނަށް ދިން ގޯތި އަތުލާނެކަން، އަޅުގަނޑުމެންނަށް އެނގޭ ގޯތި އަތުލާނެކަން، އަޅުގަނޑުމެންނަށް އެނގޭ ފްލެޓު އަތުލާނެކަން، އަޅުގަނޑުމެން މެމްބަރުންނަށް އެނގޭ ނަރުދަމާތައް ކުދި ރަށްރަށުގައި ހުއްޓޭނެކަން، އަޅުގަނޑުމެންގެ މެމްބަރުންނަށް އެނގޭ" އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން މުއިއްޒު ވެރިކަމަށް ހޮއްވަވައިގެން ޤައުމު އެހާލަތަށް ފޮނުވާލަން ރައްޔިތުން ބޭނުންފުޅު ނުވާކަމަށާއި އެއަށްވުރެ ބޮޑަށް ރައްޔިތުންނަށް ކަންކަން އެނގޭ ކަމަށާއި އެފަދަ ކަންކަމާމެދު ރައްޔިތުން މާ ފުންކޮށް ވިސްނާ ކަމަށް އިމްރާން ވިދާޅުވިއެވެ.

Ads by Ooredoo
  1. އަޑިކޮންނަ

    އޯވަރ ކޮންފިޑެންޓްވިކީނޫން ކަލަކު ވޮޑިގެންވާކަންވެސް ހަނދާންނެތުނީ އިބްރާހީމް އާޖެހުނީމަ.