އެޗްޕީއޭ އިން އުޅެނީ ރައްޔިތުންނަށް ޖެއްސުން ކުރަންހެން ވެސް ބައެއްފަހަރު އެބަހީވޭ: އެމްޕީ އުޝާމް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުޅެނީ ރައްޔިތުންނަށް ޖެއްސުން ކުރަންހެން ކަމަށް ވެސް ބައެއްފަހަރު ހީވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމްޕީ އުޝާމް މިހެން ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލޭ ގައި) ރޭގަނޑު 20:00 ން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުން އެޗްޕީއޭ އިން މަނާ ކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެއް ކަމަށެވެ.
"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް." އުޝާމް ވިދާޅުވެފައިވެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ މާދަމާ ރޭ 20:00 އިން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް މާލޭ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ފުލުހުންގެ ފަރާތުން ދެއްވަމުން ޗީފް ސުޕަރިންޓެންޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ރޭގަނޑު 8 އިން ފެށިގެން އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ކުށް ތަކުރާރު ކުރާ ނަމަ އެއުޅަނދެއް ޓޯކުރާނެ ކަމަށެވެ. ޓޯކުރާ އުޅަނދެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
މިއީ ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ނިންމި ނިންމުމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.