ފުއާދުގެ ރައްދު މާރިޔާއަށް: ރާއްޖޭގެ ތާރީހުގައި ވެސް ވޯޓުލާ މީހުންނަށް ވީލް ޗެއާ ދީފައެއް ނުވާނެ
ރާއްޖޭގެ ތާރީހުގައި ވެސް ވޯޓުލާ މީހުންނަށް ވީލް ޗެއަރ ދީފައިނުވާނެ ކަމަށް ވިދާޅުވެ، މާރިޔާ އަހުމަދު ދީދީއަށް އިލެކްޝަންސް ކޮމިޝަނަރު ފުވާދު ތައުފީގު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި ޚާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ކިޔު ދިގުވުމުގެ ސަބަބުން އެތައް ބަލި މީހުންނެއް ވޯޓު ނުލެވި ގެއަށް ވެސް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ދުވަސްވީ މީހުންނަށް ވީލްޗެއާ އެއްވެސް ނެތް ކަމަށާއި ކިޔުގައި މަޑުކުރާ އިރު އިށީންނާނެ ގޮތެއް ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށާއި ސައްޙަ ވޯޓު ވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށެވެ.
މިކަމާއި ގުޅިގެން ފުއާދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންނަށް ވީލް ޗެއާ ދީފައި ނުވާނެ ކަމަށެވެ. އަދި ބާތިލް ވޯޓު ގުނައިގެންވެސް އިންތިހާބުގައި މިހާރު އޮތް ނަތީޖާ ބަދަލު ވެދާނެ ކަމަށް ނުބެލެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވާފައިވަނީ 100،000ށްވުރެ ގިނަ ވޯޓާ އެކު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ.