ޚަބަރު ސަރުކާރު ސިޔާސީ

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތުމަކީ، ޑިމޮކްރެސީ  ހަރުދަނާވެގެން ދިޔަ ކަމެއް : ރައީސް ޞާލިހް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ޤާއިމުވެފައި އޮތުމަކީ ޑިމޮކްރަސީ ހަރުދަނާ ވެގެން ދިޔަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލް އަޤުވާމީ، ޑިމޮކްރެސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވައި ދެއްވި ޚިޠާބުގައެވެ.

އެގޮތުން ރައީސް ވަނީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ޤުރުބާނީގެ ޙިއްޞާބޮޑުކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، އުފާވެރިކަން ރައްޔިތުންނަށް ލިއްބައި ދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ ޙައްޤުތަކުން ކަމަށެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެ އުޞޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސްގެ ޚިޠާބުގައި ވަނީ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާއިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!