މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އަޙްމަދު ފާރިސް މައުމޫންގެ ފަރާތްޕުޅުން، ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ އަރިހު އެދިލެއްވީ އަމިއްލަފުޅަށް ނުވަތަ އެމަނިކުފާނުގެ ގާތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މަގާމުތަކެއް ހޯއްދަވާދެއްވުމަށް ނޫން ކަމުގައި ފާރިސްގެ ޓީމުން މިރޭ ހާމަ ކުރައްވައިފިއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އަށް ބޭފުޅުންގެ ތެރެއިން ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަަށް ހަމަޖެހިފައިވާއިރު، މިހާރު ރައީސް ޞާލިޙްއާއި ޑރ. މުޢިއްޒު ވެސް ގެންދަވަނީ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން އެހެން ބޭފުޅުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވާ، މަޝްވަރާ ބައްދަލުވުންތަކެއް ވެސް ފައްޓަވާފައެވެ. އެގޮތުން މި ދެ ކެންޑިޑޭޓުން ވަނީ ތާއީދު ކޮށްދެއްވުމަަށް އެދި ފާރިސްއަށް ގުޅުއްވާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
މިބައްދަލުވުންތަކާ ގުޅޭގޮތުން މިރޭ މައުލޫމާތު ދެއްވަމުން "އެކްސް ސްޕޭސް" ގައި ފާރިސް އިސްނަންގަވައިގެން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނުގެ ޓީމުން ވިދާޅުވީ، ރައީސް ޞާލިހް އަދި ޑރ. މުޢިއްޒުގެ ޓީމާވެސް ބައްދަލުކޮށް ވާހަކަ ދައްކަވާފައިވަނީ ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ބައެއްކަންކަން އެބޭފުޅުންގެ ސަރުކާރެއްގައި ހިމަނާ ދެއްވުމަަށް ކަމަށެވެ.
"ޕީއެންސީން އަޅުގަނޑުމެން ކައިރީ އެއްސެވި ކޮން ކަމެއްތޯ ބޭނުންވަނީ ޑރ. މުޢިއްޒުގެ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ. އަޅުގަނޑުމެން ދެންނެވިން ފާރިސް ބޭނުންފުޅު ވަނީ އެމަނިކުފާނަށް އަދި އެމަނިކުފާނުގެ ގާތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މަގާމުތަކެއް ހޯއްދަވާދެއްވުން ނޫން ކަމަށާއި، އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުން ތާއީދު ކުރައްވާފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ރައްޔިތުންނަށްޓަކައި ހިމަނާ ދެއްވުން ކަމަށް" ފާރިސް މައުމޫންގެ ޓީމުގެ ފަރާތުން މެޑަމް އަނީސާ ވިދާޅުވިއެވެ.
ފާރިސްގެ މެނިފެސްޓޯގައި، ރައްޔިތުންގެ މަޖިލިސް ރިފޯމް ކުރުމާއި، ޝަރުޢީ ދާއިރާ އިސްލާހު ކުރުން ހިމެނެއެވެ.
މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދިޔަނަމަވެސް އަދި ތާޢީދު ކުރައްވާނެ ވަކި ފަރާތެއް ނިންމަވާފައި ނުވާ ކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.