އުސޫލުތަކާ ހިލާފުވާ ތަންތަން ފަސް ދުވަހަށް ބަންދުކޮށް، ޖޫރިމަނާ ކުރަން ނިންމައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހިމެނޭ ޢާއްމު ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރުމަށް އެޗްޕީއޭ އިން އާއްމު ކޮށްފައިވާ އުސޫލުތަކަށް ތަކުރާރުކޮށް އަމަލު ނުކުރާ ތަންތަނަށް ފަސް ދުވަހަށް ބަންދުކޮށް 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ޖޫރިމަނާ ކުރާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ނަމަ، ދެވަނަ ފަހަރަށް އުސޫލާ ޚިލާފު ވުމުންނެވެ. ދެވަނަ ފަހަރަށް އުސޫލުން ބޭރުން އަމަލުކުރާ ތަންތަން 1000 ރުފިޔާ އިން ޖޫރިމަނާކޮށް، ތަން ހުޅުވުމުގެ ހުއްދަ ވެސް ދެނީ ތިން ދުވަސް ފަހުންނެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19އާ ގުޅިގެން ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިގޮތުން މިފަދަ ތަންތަނުން ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތައް ކަމަށް އިއުލާނުގައި ވެއެވެ.
އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ކަމަށް ފާހަގަ ކުރެވޭ ތަންތަނާއި މެދު އަމަލު ކުރާނެ ގޮތް ބަޔާންކޮށް އިއުލާނުގައި ވިދާޅުވެފައި އެޗްޕީއޭގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ ނަމަ، 1،000ރ. އިން ޖޫރިމަނާކޮށް، ތަން ހުޅުވަން ހުއްދަ ލިބޭނީ ފަސް ދުވަސް ފަހުންނެވެ.
ފުރަތަމަ ފަހަރު ނަމަ އެ ތަނެއް ބަންދުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ 48 ގަޑިއިރަށެވެ. އެ ބުރުގައި ޖޫރިމަނާއެއް ނުކުރާނެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، ފުރަތަމަ އިންސްޕެކްޝަނަށް ފަހު ވެސް، ކޮވިޑާ ގުޅޭ ޝަކުވާއެއް ނުވަތަ އެ އިދާރާގެ ގައިޑްލައިނާ ޚިލާފަށް އެ ތަނެއް ހިންގާކަން ފާހަވެއްޖެ ނަމަ ވެސް 1،000ރ. އިން ޖޫރިމަނާކޮށް، ފަސް ދުވަހަށް ތަން ބަންދު ކުރާނެ އެވެ.