މިއަދުވެސް ގިނަ މެމްބަރުން މަޖިލީހަށް ހާޒިރެއް ނުވޭ, މިކަމުގައި ރައީސް ޞާލިޙްގެ އަތެއް ވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ބައިވެރިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މިހާރު މަޖިލިސް ކުރިޔަށްގެންދަނީ ހުއްޓާފައިވާ ބައްޓަމުން ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙްގެ އަތެއްވާ ކަމަށާއި ބާރުތައް ބޭނުންކޮށްގެން ރައީސް ޞާލިޙް ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، އިލްތިމާސްކުރަން ދިވެހި ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވައިލައްވަން ތިޔަ ކުރައްވާ މަސައްކަތް ހުއްޓެވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެފައިވަނީ 17 މެމްބަރުންނެވެ. މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން މަޖިލީޖހުގެ ޗެންބަރަށް ވަދެ ވަޑައިގެންފައި ނުވާތީ އިއްޔެގެ މަޖިިލިސް ޖަލްސާ ވެސް ވަނީ މެދުކަނޑާލާފައެވެ.





ކޮމެންޓް