ޚަބަރު ސަރުކާރު

ރަސޫލާގެ ސީރަތުން ޢިބުރަތް ޙާސިލް ކުރުމަށް ރައީސް ގޮވާލައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ ސީރަތުން އިބުރަތް ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

ރައީސް ޞާލިހް މިހެން ވިދާޅުވީ ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ ޢީދު މީލާދުގެ މުނާޞަބާގައި އެ މަނިކުފާނު މިއަދު ފޮނުއްވި ހިޠާބުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ ޢީދު މީލާދު ފާހަގަކުރާއިރު، ޢަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރުމަށް ކަމަށެވެ.

ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުން ކަމަށާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައް ކަމުގައި ރައީސްގެ ޚިޠާބުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކީރިތި ރަސޫލާ ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚްލާޤުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާޢީ ގުޅުންތައް ބަދަހި ކުރުމާއި ތެދުވެރި ކަމާއި އަމާނާތްތެރި ކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސްގެ ހިޠާބުގައި ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދީ ދުވަހަކީ ރަބީޢުލްޢައްވަލު މަހުގެ 12 ވަނަ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!