އެމްޑީޕީގެ ވެރިކަން ގެއްލިގެންދާ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އުދާސްކަން އެންމެ ބޮޑަށް ލިބެނީ އައްޑޫ ރައްޔިތުންނަށް ކަމަށާއި، އައްޑޫއަށް އަނިޔަވެރިވާ ސަރުކާރަކަށް ފުރުޞަތު ނުދެއްވުމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.
އައްޑޫގެ ކެންޕެއިން ޓީމުތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އައްޑޫގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްވެފައި އޮތުމުން އެކަމުގެ ފަސޭހަކަން އެންމެ ބޮޑަށް އިޙުސާސް ކުރެވޭނީ އައްޑޫ ރައްޔިތުންނަށްކަމަށާއި، އެކަން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުރިހަމަކޮށްދިނި މިސަރުކާރުންކަމަށެވެ.
"ކޮން ސަރުކާރަކަށްތޯ އެކަންކަން ފުރިހަމަކޮށްދެވުނީ؟ ކޮން ސަރުކާރަކަށްތޯ އެކަން ކުރެވުނީ؟ އެމްޑީޕީގެ ފުރަތަމަ ސަރުކާރާ އެމްޑީޕީގެ ދެވަނަ ސަރުކާރަށް. ވަކިން ޚާއްސަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ވަށާޖެހޭ ތަރައްޤީގެ ރަނގަޅު ޕްރޮގްރާމެއް ފަށައިގެން މި ކުރިއަށް ގެންދަނީ" އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ބަލައިގަތުމަކީ ރައްޔިތުންގެ ބޮޑުވެގެންވާ މައްސޫލިއްޔަތެއްކަމަށާއި އެގޮތުން އެމްޑީޕީގެ ސަރުކާރު ނޫން ސަރުކާރެއް އަތުވެއްޖެ ނަމަ އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލުކުރާނީ ވެސް އައްޑޫ ސިޓީއިން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އައްޑޫއަށް އަނިޔާވެރިވާ ސަރުކާރަކަށް ފުރުސަތު ނުދެއްވާ. އެމްޑީޕީގެ ވެރިކަން ގެއްލިގެންދާ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އުދާސްކަން އެންމެ ބޮޑަށް ލިބޭ ބަޔަކީ އައްޑޫ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އަދި އަދާލަތު ޕާޓީގެވެސް އެންމެ ބޮޑު ބޭނުމަކީ މި ރާއްޖެ ބަދަލުކޮށް، ރާއްޖެ ކުރިއަށް ގެންގޮސްދިނުންކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އެތައް ޒަމާންތަކެއް ވަންދެން އުންމީދުކުރަމުން އައި ކަންތައްތައް ފުރިހަމަކޮށްދީ އެކަންކަން ހަމަޖައްސައިދިނުމަކީ އެދެޕާޓީގެ އެންމެ ބޮޑު އަމާޒުކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެގޮތުން އައްޑޫ ސިޓީއަށް ބަލާއިރު އެތައް ޒަމާނެއް ވެއްޖެއޭ އަޅުގަނޑުމެން ކާފަމެން ހިސާބުން ގަމަށް ދަނީ. ގަމުގައި އަޅާފައި އޮތް ތާރުގަނޑު ފެނޭ އެމީހުންނަށް. ގަމުގެ ރީތިކަން ފެނޭ އެމީހުންނަށް. އެތައް އަހަރެއް ކުރިން އެ ފަސޭހަ އަޅުގަނޑުމެންނަށް ވަނީ ކުރެވިފަ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަަނީ ފިތުނައިގެ ތެރެއަށް ދެވިދާނެކަމަށާއި، ދޮގާއި ފަސާދައިގެ ތެރެއަށް ދާން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ވާން ބޭނުންނުވާކަމަށް ވާނަމަ، ރައީސް ޞާލިޙުއަަށް ވޯޓު ދެއްވުމަށް އަސްލަމް ވަނީ ގޮވާލައްވާފައެވެ.