ލައިފްސްޓައިލް

އޭ މަންމާއެވެ. ތިބާގެ އޯގާވެރި ލޯތްބަށްޓަކައި ހިތް ފިދާ ކުރަމެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތިމާއަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބުނު ކަމުގައި ވީ ނަމަވެސް ތިމާގެ ދުލުން ނުކުންނާނެ ލަފުޒަކީ ތިމާގެ “މަންމަ”އެވެ. ކަމަކާ ބިރުގަނެ ސިއްސައިގެން ދިޔަ ކަމުގައި ވީ ނަމަވެސް ތިމާގެ ދުލުން ނުކުންނަނީ ތިމާގެ ލޯބިވާމަންމައެވެ. އަދި ދަންނަވަންތޯއެވެ؟ ތިމާގެ މަންމަ ބަލިވި ކޮންމެ ހިނދަކު ތިމާގެ މަންމަގެ ދުލުން ގޮވެނީ އެ މަންމަގެ ދުނިޔެ ދޫކޮށްފައިވާ މަންމައަށެވެ. މަންމަ ގާތުގައި ނެތުމުން ހިތަށް ކުރާ އަސަރު އެ މައިންނަށް އެނގި ތަސައްވަރު ކުރެވޭތީއެވެ.

Ads by Hajj Corporation

9 މަސް ދުވަސް ވަންދެން ގަދަ ވޭނުގައި އެމައިން ހޭދަކުރަނީ ނުހަނު އުއްމީދުތަކާއި އެކުގައެވެ. މަންމަގެ ބަނޑުތެރޭގައި ހެދިބޮޑުވަމުން އަންނަ އެ ތުއްތު ފުރާނަ ދެކިލުމަށް ކެތްމަދުވެފައި ވާ ޙާލުއެވެ. އެހާވެސް ގިނަ ހުވަފެންތައް ދެކެމުންނެވެ. އެ ތުއްތު ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މައިމީހާ ރެއާއި ދުވާލު ވަމުން އެ ދަނީ ހާދަހާ ބޮޑުޤުރުބާނީއެކެވެ. ތަޙައްމަލު ކުރަނީ ހާދަ ވޭނެކެވެ. އެހެންނަމަވެސް އ ތުއްތު ދަރިފުޅަށް އެއްވެސް ގެއްލުމެއް ވިޔަ ނުދިނުމަށްޓަކައި އެފަކީރު އެހާ ހިތްވަރުވެސް ކުރެއެވެ.

9 މަސް ދުވަހުގެ ގަދަ ވޭނަށްފަހު އެ ލޯބި ލޯބި ތުއްތު ދަރިފުޅު ދުނިޔެއަށް މަރުޙަބާ ކިޔުމަށް ފަހު އެ ކުޑަ ކުޑަ ފުރާނަ ރޮއެލާ އަޑު އަހާލަން ބޭނުންވެފައި މިއަދު ކިތައް މައިން އެބަތިބިތޯއެވެ؟ އެވަގުތު އެ މައިންގެ ކިބައިން ފެންނަ ހިނިތުންވުމާއި ހިތްހަމަޖެހުމަކީ ދުވަހަކުވެސް އެމީހުންގެ މޫނު މަތިން ނުފެންނަ އުޖާލާ ކުރުވަނިވި މަންޒަރެކެވެ. ބަލަން ހުރިމީހެއްގެ ވެސް ހިތްފުރިގެން ދާ ފަދައެވެ. މައިވަންތަ ކަމުގެ ކުލުނު އެ ތުއްތު ފުރާނައަށް ޓަކައި އެ މައިންގެ ދެ ލޮލުން އުފާވެރިކަމުގެ ނޫރު ފާޅުވާނެއެވެ.

އެހެންނަމަވެސް އެ ފޮނި އުއްމީދުތަކާއެކު ވިހެއުމުގެ ގަދަ ވޭނަށް ތަޙައްމަލު ނުކުރެވި ކިތައް މައިން މި ފަނާކުރުވަނިވި ދުނިޔެއާއި ވަކިވެގޮސްފައި ވާނެ ހެއްޔެވެ؟ ދަންނަވަންތޯއެވެ؟އެެއީ ޝަހީދުންގެ ލަޤަބު ލިބިގެންވާ މާތް ބައެކެވެ. އެމީހުންގެ ބަނޑުގައި ނުހަނު ލޯބިން ބަލާ ބޮޑުކުރި އެ ތުއްތު ފުރާނަ އެންމެ ކުޑަމިނުން ދެކިލުމުގެ ނަސީބު ނެތް އެތައް މައިންނެއް އަޅުގަނޑުމެންނާ ވަކިވެ ގޮސްފައިވެއެވެ. އެ މައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާނދޭވެ. އާމީން.

ވިހެއުމަށް ފަހުގައި ނިމުނީ އެއް ނޫނެވެ. ހަގީގީ މައިވަންތަކަން ދައްކުވައިދޭ މިންނެތް ބުރަ މަސައްކަތްތައް ދެން ފެށުނީއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ވިސްނުމެއް، ފިކުރުކުރުމެއް ނެތި އެ ދަރިފުޅު ރަނގަޅު ސިއްޙަތެއްގައި ބޮޑުކޮށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭތޯ މަސައްކަތް ކުރާނެއެވެ. ދުވަހަކުވެސް މަޔަކަށް ދަރިއެއް ބޮޑެއް ނުވާނޭ ބުނާ އަޑު އަހަމެވެ. ހަގީގަތުގައިވެސް މިއީ މިކަން އޮންނަ ގޮތެވެ. މަންމައެއްގެ ބުރަ މަސައްކަތާއި ގާތްކުރާ އެއްވެސް މަސައްކަތެއް ގައިމުވެސް އަޅުގަނޑު ނުދެކެމެވެ. އެއީ އޭގެ އަގުއަދާ ނުކުރެވޭނެ، އެހާމެ މާތް މަސައްކަތެކެވެ.

މިއަދު ބައެއް މީހުނަަށް އެމީހުންގެ މަންމަ ފެނުމުގެ ނަސީބު ނުލިބި އެބަހުއްޓެވެ. އަނެއްބައި މައިންނަށް އެމައިންގެ ދަރިން އުރާލުމުގެ ނަސީބުން މަޙުރޫމު ވެފައިވެސް އެބަތިއްބެވެ. އެހެންނަމަވެސް މާތް الله އިރާދަފުޅުން އެއްވެސް މުސްލިމަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެއެވެ. ދުޢާއަކީ ހުރިހާ މަންމައިންގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވަވާ، އެމައިންނަކީ އަބަދުމެ ހިނިތުންވެ ތިބޭނޭ ބައެއް ކަމުގައި ލެއްވުމެވެ. އާމީން .

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!