ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ: ރައީސް ޞާލިހް
ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރެއްވި ކޮންމެ ކަމެއްކޮށް ކުރައްވާފައި ވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ހަމަ އެހެންމެ ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިރިއުޅުއްވާނީ މާލޭގައި ނުވަތަ އުފަން ރަށުގައި ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
ޖަވާބުދާރީ ނުނެވޭ ވަރުގެ އެއްވެސް ކަމެއް ވެރިކަމުގެ ތެރޭގައި ކުރައްވާފައި ނުވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން އެކި ތުހުމަތު ކުރައްވަމުން އަންނަ ކަމަށެވެ.
މިގޮތުން ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލާގައި ބައެއް އެއްބަސްވުންތަކާއި މެދު ބައެއް ފަރާތަތަކުން ސުވާލުތައް އުފެއްދަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ އެ ކަންކަމާއި ގުޅޭ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށާއި އެ ކަންކަން ބަލަންވީ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.