މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ޙާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ޚިދުމަތަކަށްވުން މުހިންމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވިހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށްވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރިގޮތުގައި އެމީހެއްގެ ޚިދުމަތް މުޖުތަމަޢާ ޙިއްޞާކުރުމުގެ ހެޔޮކަން ލިބުންކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސްކޫލްތަކަށް ޙާއްޞަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުގެތެރެއިން ނަފްސާނީ ޞިއްޙަތާބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަޞީލަތްތައް ތަނަވަސްކުރުން މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ސުލްޙަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއްވެސް ބާކީވެގެންދިޔަނުދީ އެމީހަކަށް އެކަށީގެންވާ ޙައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމުގައި ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެޚިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެކަމަނާ ކުރައްވާ އުންމީދެއްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނަފްސާނީ ޞިއްޙަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކުރުމުން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް" މި ޝިޢާރުގެ ދަށުންނެވެ.