Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ ބަޖެޓު 49 ބިލިއަންގައި ހިފަހައްޓަން: ޣައްސާން

އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ ބަޖެޓު 49 ބިލިއަންގައި ހިފަހައްޓަން: ޣައްސާން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވަނީ އަންނަ އަހަރުގެ ބަޖެޓު 49 ބިލިއަނުގައި ހިފެހެއްޓުމަށްކަމަށް އެމަނިކުފާނުގެ ބަޖެޓު ކޮމިޓިގައި މަސައްކަތްކުރައްވަމުން ގެންދަވާ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ،

ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ޑރ. މުއިއްޒު އެންމެ ބޮޑުކަމަކަށް އިސްކަން ދެއްވީ ބައިނަލްއަޤްވާމީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ޤަބޫލުކުރާ ހަމައެއްގައި ބަޖެޓު ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން ދަރަނި ޖީޑީޕީއަށް ޖެހޭ ނިސްބަތް ކުޑަކުރުމަށް އިސްކަން ދެއްވާކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުގެ މަސައްކަތްތައް އައު ސަރުކާރަށް ވާރުވާނެކަމަށާއި އެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެކަމަށެވެ. އަދި 200 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީވެސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ މަސައްކަތްކުރެއްވުމަށް ކަމަށްވެސް ޣައްސާން ވަނީ ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

"އިންތިޚާބީ ރައީސްގެ އޮފީހުން މިިހާރު ހާމަކުރައްވައިފައި އެބައޮތް 49 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓު ހިފަހައްޓަވަން. އެއީ އެންމެ ފުރަތަމަ ހަމަ ރައީސް [މުއިއްޒު] ނިންމެވި ކަމަކީ" އޭނާ ވިދާޅުވިއެވެ.

އިންތިޤާލީ މަރުހަލާގައި ގިނަ މުއައްސަސާތަކުގެ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އޭގެ ތެރޭގައިވެސް މައުލޫމާތު ހޯދުމުގައި ދަތިތައް ކުރިމަތިވި ބައެއް އިދާރާތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މިކަން މިހެން ވާނެކަން އަޅުގަނޑުމެންނަށް އެނގިގެން. ރައީސަށް ވެސް ޚުދު އެނގިވަޑައިގެން ހުންނަވައިގެން މި މަސައްކަތް ކުރައްވަނީ" ޣައްސާން ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އިންތިޤާލީ މަރުހަލާގެ މަސައްކަތްތައް ކުރެއްވުމަށްޓަކައި 15 ކޮމިޓީއެއް ވަނީ އުފައްދާފައެވެ. އަދި މިހާތަނަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް، މަޢުލޫމާތު ހޯދާފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައިވެއެވެ. އިންތިޤާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދަނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުންނެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 17 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް