ޚަބަރު ސަރުކާރު

މަގޫދޫގެ އިދާރީ އިހުތިޞާސްގެ ތެރެއިން އެއާޕޯޓް ހަދާ ސަރަހައްދު ވަކިކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފ. މަގޫދޫގެ އިދާރީ އިހުތިޞާސްގެ ތެރެއިން އެ ރަށު އެއާޕޯޓް ހަދާ ސަރަހައްދު ވަކިކޮށްފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރެއްގައި ވިދާޅުވީ 2020 ވަނަ އަހަރު އެ މަނިކުފާނު އެކަށައެޅި ގަރާރުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިޞާސް ކަނޑައަޅުއްވާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން މަގުދޫގެ އިދާރީ ދާއިރާގެ އިހުތިޞާސަށް ބަދަލު ގެނެސް، އެރަށުގައި އެއާޕޯޓް ހަދާ ސަރަހައްދު އެ ރަށު ކައުންސިލްގެ އިހުތިޞާސް ވަކިކޮށް، މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މަގޫދޫ އެއާޕޯޓް ހަދާ ސަރަހައްދަކީ 47.8 ހެކްޓަރުގެ ހިއްކި ބިމެކެވެ. އޭގެތެރެއިން 30.8 ހެކްޓަރު ހާއްސަވަނީ އެއާޕޯޓަށެވެ. ބާކީ 17 ހެކްޓަރު ބޭނުންކުރާނީ ދިރިއުޅުމަށާއި ސިނާއީ ބޭނުންތަކަށެވެ.

މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫޢު، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 231.5 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނީ މަގޫދޫ އެއާޕޯޓާއެކު މުޅި އަތޮޅުގެ ރައްޔިތުންނާއި އެކި ބޭނުންތަކަށް އެ އަތޮޅަށް ގޮސް އުޅޭ މީހުންނަށް އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ގިނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ފ. އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދަން ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ އެއާޕޯޓު ކަމަށް އެ އަތޮޅުގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!