ރައީސް ޔާމީނަށް ދިނީ ރަށުބަންދެއް ނޫން، އެއީ ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއް: ޝިޔާމް

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އަށް ދެއްވީ ރަށުބަންދެއްވެސް ނޫން ކަމަށާއި އެއީ ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ގޭ ބަންދުން ރަށު ބަންދަށް ބަދަލުކުރަން ނިންމަވާފައިވަނީ، މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދެއްކެވުމުންނެވެ. މި ލުޔަކާއި އެކު ރައީސް ޔާމިނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެއެވެ.
މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ، އެ ނިންމެވުމަކީ މާކުރިންވެސް ކޮށްދެވެން އޮތްކަމެއްކަމަށާއި އަދި ބެއިލްވެސް މީގެ ކުރިން ކޯޓުތަކުގައި ހުރީ ޕްރޮސެސްކޮށްފައިކަމަށެވެ.
"ރައީސް ޔާމީނާ ހިސާބުން މިކަންކަން ދަންނަކަމަކަށް ނުހެދި، ރަށުބަންދެއްވެސް ނޫން އެއީ. ބޭސްފަރުވާއަށް ދިން ކުޑަ ލުޔެއް. އެހެންނޫނަސް ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް. ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް" ޝިޔާމް ވިދާޅުވިއެވެ.
ހަމައެއާއެކު، ރައީސް ޔާމީންގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ އެމަނިކުފާނަށް ދޭ އެންމެ ބޮޑު އަނިޔާކަމަށް ފާހަގަކުރައްވައި ޝިޔާމްވަނީ އެމަނިކުފާނު މިނިވަންކުރަން ގޮވާލައްވާފައެވެ.
ވ.އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކުރި ޙުކުމްގެ އިސްތިއުނާފު މައްސަލަ އަދިވެސް ނުނިމެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީީސް ޔާމީނަށް ފުރުސަތު ގެއްލިގެން ދިޔައިރު، އެއީ އެމަނިކުފާނަށް ސިޔާސީ ޙުކުމެއް ކުރުމުގެ ނަތީޖާ ކަމަށް ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ބުނެއެވެ
އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމާއިއެކުގައި، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ. އެކަން ކުރީ ގިނަ ރައްޔިތުން، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އެންޑޯޒް ކުރެއްވި، ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބު ހޯއްދެވުމުންނެވެ. ރައީސް ޞާލިޙުގެ އަރިހުން އިންތިޚާބީ ރައީސް އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ ރައީސް ޔާމީން މިނިވަންކުރާށެވެ.







ކޮމެންޓް