ޚަބަރު ސަރުކާރު

ދެ މިސްކިތެއް ޢިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދެ މިސްކިތެއް ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ބުނީ ސޮއި ކޮށްފައި ވަނީ އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ކަމަށެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17,488,559.49 ( ސަތާރަ މިލިއަން ހަތަރުލައްކަ އައްޑިހަ އައްހާސް ފައްސަތޭކަ ފަންސާސް ނުވަ ރުފިޔާ ސާޅީސް ނުވަ ލާރި) ކަމަށެވެ.

މީގެ އިތުރުން ށ. މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ   15,174,897.40 (ފަނަރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް އައްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ސާޅީސް ލާރި) ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖްލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތްފެށިގެން ދިޔުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!