ޚަބަރު ސަރުކާރު

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ޞާލިޙް ނިންމަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

Ads by MWSC

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ޤަވާޢިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން، އަދި މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑުކުރުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބި ފަތުރުވެރިކަމުގެ އައު ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިޤްތިޞާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެއެވެ. އެގޮތުން އެ ޒޯން ކަނޑައަޅުއްވާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް ޢުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނޭ ގޮތަށެވެ.

މާލޭގެ ދުވަސްވީ ތަރީޚާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަޙައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތަޢާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާޢިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!