ޚަބަރު

ބީހައިވްއަށް ދައްކަންޖެހޭ 32،426 ޑޮލަރު ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ 32،426 އެމެރިކާ ޑޮލަރު ދެއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Hajj Corporation

މިއީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވްއިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން ބީހައިވް އަށް ދޫކޮށްފައިވާ ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އަނބުރާ ރައްދު ކޮށްފައިވާތީ، ބީހައިވް އަށް ދައްކައި ޚަލާސްކުރަންޖެހޭ 32،426 އެމެރިކާ ޑޮލަރާއި، އެފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވް އަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެކެވެ.

މި ދަޢުވާގައި ބީހައިވްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާ 2 އިންސައްތައަށް އެފްއޭއެމްއިން އެއްބަސްވެފައެއް ނުވެއެވެ. އެފްއޭއެމްއިން ބުނި ގޮތުގައި މަހުން މަހަށް ފައިސާ ދައްކަން އެއްބަސްވެފައިވީނަމަވެސް، ފައިސާ ނުދެއްކޭ ޙާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވެފައި ނުވާނެއެވެ.

ބީހައިވްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމް އިން ދޫކުރި ޗެކު، އެ ކުންފުންޏަށް ލިބިފައި ނުވަނީ އޭރު އެސޯސިއޭޝަންގެ މާލީ ޙާލަތު ދަށްވުމުގެ ސަބަބުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާހަމައަށް ލިބިފައި ނުވާތީ ކަމަށް ޝަރީއަތުގައި ބުނެފައިވެއެވެ.

އެހެންކަމުން، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ މިހާރު އެސޯސިއޭޝަނަށް އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫންކަމަށާއި، އެ ފައިސާ އެއް އަހަރަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭއެމްއިން ވަނީ އެދިފައެވެ.

އެފްއޭއެމްއިން އެދުނު ގޮތަށް ބީހައިވްއިން އެއްބަސްވެފައިވާތީ، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 އެމެރިކާ ޑޮލަރު އެކުންފުންޏަށް ލިބިދިނުމުގެ ގޮތުން، އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން، އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ޚަލާސްކުރުމަށާއި، ބީހައިވްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މަޢާފުކޮށްފައިވާ އަދަދެއްކަމަށް ނިންމައި، ސިވިލް ކޯޓުގެ ޤާޒީ ފައިޞަލް އާދަމް ވަނީ ޙުކުމްކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!