ޚަބަރު ޝަރުޢީ ދާއިރާ

އެޓަރނީ ޖެނެރަލްގެ އޮފީހުން އެމް.ވީ.ލޯގެ އާ ވެބްސައިޓެއް އިފްތިތާޙްކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، އެމް.ވީ.ލޯގެ އާ ވެބްސައިޓް މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހުން އިފްތިތާޙުކޮށްފިއެވެ.

Ads by STELCO

މި ވެބްސައިޓް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި އޭޖީ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޕެކް ޗުއާން ގަން އާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި، ޖަވާބު ޕްރައިވެޓް ލިމިޓެޑް ތަމްސީލްކުރައްވާ ފަރާތްތަކާއި، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ވެރިންނާއި އަދި އެ ޕްރޮޖެކްޓުގައި މަސައްކަތްކުރެއްވި ޓީމް ބައިވެރިވެވޑައިގެންނެވިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ (ޔޫ.އެން.ޑީ.ޕީ) ގެ އެހީތެރިކަމާއެކު، ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕްކޮށްފައިވާ އެމް.ވީ.ލޯ ގެ އާ ވެބްސައިޓުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކާއި އިޞްލާޙުތައް އެއްތަނަކުން ފަސޭހަކަމާއެކީ ބަލައިލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމާއި، ޤާނޫނީ ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަގުފަހިކޮށްދިނުންކަމަށެވެ.

އެމް.ވީ.ލޯގެ ވެބްސައިޓް މެދުވެރިކޮށް، ކީވާރޑް އެޕްލިކޭޝަން ބޭނުންކޮށްގެން ޤާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި، ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތައް ޓްރެކްކުރުމާއި، އޮފްލައިންކޮށް ކިޔާލުމަށްޓަކައި ޤާނޫނުތަކާއި ގަވާއިދުތައް ސޭވްކުރުމާއި، ޤާނޫނުތަކުގެ މާއްދާތައް ބުކްމާކްކުރުން ފަދަ ފަސޭހަތައް ލިބިގެންދާނެކަމަށް އޭޖީ އޮފީހުން ބަޔާންކޮށްފައިވެއެވެ.

އަދި ހަމައެއާއެކު މި އާ ވެބްސައިޓަށް ހުރިހާ މޯބައިލް ޑިވައިސްތަކުން ވަދެވޭނެކަމަށާއި، އެމް.ވީ.ލޯ ގެ ޚާއްޞަ އެޕްލިކޭޝަނެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައި.އޯ.އެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބެން ހުންނާނެކަމަށެވެ.

މި ވެބްސައިޓް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހިމް ރިފްޢަތުގެ ވަނީ، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށް ޔޫ.އެން.ޑީ.ޕީ އިން ދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޔޫ.އެން.ޑީ.ޕީގެ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޕެކް ޗުއާން ވިދާޅުވީ، އެފަދަ ވެބްސައިޓެއް އިފްތިތާޙްކުރެވިގެން ދިޔުމަކީ، މަޢުލޫމާތާއި ޢަދުލު އިންޞާފަށް ވާޞިލްވުމަށް މަގުފަހިކޮށްދީ، ޤާނޫނޫގެ ވެރިކަން ހަރުދަނާކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާއި ސަރުކާރުގެ ހާމަކަމާއި ޒިންމާދާރުކަން އިތުރުކުރުމަށްޓަައި ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި، އެ ވެބްސައިޓް ތަޢާރަފްކުރެވުނީ ވަރަށް މުހިންމު އަދި މުނާސަބު ވަގުތެއްގައި ކަމަށެވެ.

އަދި އެއީ އާންމުންގެ ބޭނުންތަކަށް އިޖާބަދޭ، އަދި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް ޤާނޫނުތައް ހެދުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައިވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!