އަނެއްކާވެސް އިތުރު ހަމަލާތަކެއް: ހޮސްޕިޓަލެއްގެ އިތުރުން މިސްކިތެއް ހިމެނޭ!

ސީރިއަސް ޒަހަމްވި ބަލި މީހުން ގޮވައިގެން އަލްޝިފާ ހޮސްޕިޓަލުން ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދަށް ދަތުރުކުރި އެމްބިއުލާންސްތަކަކަށް ހަމަލާދިންތާ އެއް ދުވަސް ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އެޅުން ވަރުގަދަކޮށް، ސްކޫލަކާއި މިސްކިތެއްގެ އިތުރުން ހޮސްޕިޓަލަކަށް ހަމަލާދީފިއެެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ހިންގާ އަލް ފަޚޫރާ ސްކޫލަށް އިޒްރޭލުން ދިން ވައިގެ މިސައިލެއްގައި 15 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި 54 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހެނދުނު ޣައްޒާގެ ހުޅަނގުގައި ހުންނަ އަލް ނާސިރު ޗިލްޑްރަންސް ހޮސްޕިޓަލުގެ ދޮރުމައްޗަށް ވެސް ހަމަލާދީފައިވާއިރު، އާންމުންގެ ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ އަލްސަބްރާ އަވަށުގެ ދެ މިސްކިތެއް ކަމަށްވާ އަލީ ބިން އަބީ ތާލިބާއި އަލް އިސްތިޖާބާ މިސްކިތަށް ވެސް އިސްރާއީލުގެ
އަސްކަރިއްޔާއިން ވަނީ ބޮން އަޅާފައެވެ.
ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ އެސިސްޓެންޓް ޕްރޮފެސަރު އިން ޕަބްލިކް ޕޮލިސީ ޓަމޭރު ކަރްމައުޓް ބުނީ މިގޮތަށް ހަމަލާ ދިނުމަކީ އިސްރާއީލުގެ ހަނގުރާމައިގެ “ސްޓްރެޓެޖީގެ” ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.