ޚަބަރު

ގިނަ ބައެއްގެ ޝަކުވާތަކާއިއެކު ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކިވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އިއްޔެ އާންމުކުރި ފްލެޓް ލިސްޓުގައި, ފުރަތަމަ ބުރުގައި 4,000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނީ ދީފައިވާ ޕޮއިންޓުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު, ހައުސިން މިނިސްޓްރީއަށް ގޮސް ބަޔަކު އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. މީގެ ކުރިން ނެރުނު ފްލްޓުގެ ވަގުތީ ލިސްޓުގައި ޕޮއިންޓު ދީފައެއް ނުވެއެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން 13،000އެއްހާ މީހުން ޝަރުތު ފުރިހަމަވި ކަމަށާއި އެ އެންމެންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފައެވެ. ނަމަވެސް ހުޅުމާލޭގައި މިހާރު ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުން ފިޔަވާ އެހެން މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުމެކެވެ. ސަބަބަކީ އިތުރަށް އެއްވެސް ފްލެޓެއްގެ މަސައްކަތް ކުރިއަށް ނުދާތީއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭސީސީގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!