އަންނަ އަހަރުން ފެށިގެން ބައެއް ފުލުހުންނަށް ކޮއްތު ފައިސާ ނުލިބޭނެ ކަމަށް އަންގައިފި
އަންނަ އަހަރުން ފެށިގެން ބައެއް ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންނަށް ކޮއްތު ފައިސާ ނުލިބޭނެ ކަން އަންގައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ސޮއި ކުރައްވައި، މިއަދު ނެރެފައިވާ އެންގުމެއްގައި ވަނީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޑެސްކް ވަޒީފާތައް އަދާކުރާ މީހުންނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުންނަށް އަންނަ އަހަރުން ފެށިގެން ކޮއްތު އެލަވަންސް ނުދޭނެ ކަމަށެވެ.
އަދި އެ ފަރާތްތަކަށް ކެއުމުގެ ކަންކަން ފުލުހުންގެ އިދާރާގެ މެސް ރޫމްތަކުން ހަމަޖައްސާނެ ކަމަށް އެ ދެންނެވުމުގައި ވެއެވެ.
ކޮއްތު ފައިސާ ކަނޑާލަން ނިންމި ފުލުހުންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންނާއި ޓުއަރިސްޓް ފުލުހުންނާއި އިންޓެލިޖަންސް ޑިޕާޓްމަންޓްގެ ފުލުހުން ހިމެނެއެވެ.
ފުލުހުންގެ ވަޒީފާ މެދުވެރިވެގެން ފްލެޓާއި އެޕާޓްމަންޓް ލިބިފައިވާ ފުލުުންނަށް ލިވިން އެލަވަންސް ނުދޭން ވެސް މިހާރު ވަނީ ނިންމާފައެވެ.
އެގޮތުން އަގު ދައްކާ މިލްކުވާ ގޮތަށް ފްލެޓާއި އެޕާޓްމެންޓް ހަމަޖައްސައިދީފައިވާ ފުލުހުންނަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިވިން އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށް އެ އެންގުމުގައި ވެއެވެ.
އެގޮތަށް ނިންމީ ފުލުހުންގެ ވަޒީފާ މެދުވެރިވެގެން ލިބިފައިވާ ތަންތަނުގެ އަގު ހަމަކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ފައިސާ ކަމަށް ބަލާއި އެ ފަރާތްތަކަށް ލިވިން އެލަވަންސް ދިނުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ފުލުހުންގެ އެގްޒެކްޓިވް ބޯޑުން ލަފާދީފައިވާ ކަމަށެވެ.