ސާކް ސައިކިއޭޓްރިކް ފެޑެރޭޝަން ކޮންފަރެންސް ފަށައިފި
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މި ކޮންފަރެންސަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ތަޖުރިބާކާރުން އެއްތަންވެ، މި ދާއިރާއިން މަޝްވަރާކޮށް އިލްމު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސާކް ސަރަޙައްދުގެ ޤައުމުތަކުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ މި ދާއިރާގެ ބޭފުޅުން ހިމެނެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމާއި ސައިކިއޭޓްރިކް ދާއިރާއިން ސާކް ޤައުމުތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމެވެ. އަދި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގައި ހިމެނެނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ތަފާތު މައުޟޫޢުތަކަށް ކަރުދާސް ހުށަހަޅައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.



ކޮމެންޓް