ޚަބަރު ސިޔާސީ

މުޢިއްޒު ހުވާ ކުރައްވާ ޖަލްސާއަށް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ އެޖެންޑާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވެފައި މި ވަނީ، އިންތިޚާބީ ރައީސް މުޢިއްޒު ހުވާ ކުރައްވާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުން ކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި އެމްޑީޕީ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވުމުންނެވެ.

މި ވާހަކައަށް ރައްދު ދެއްވައި، ޑރ.އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާކުރުން މި މަހު 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަކީ ދައުލަތުގެ މައްޗަށް އަދާކުރުން ލާޒިމުވެގެންވާ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށެވެ.

އެ ޤާނޫނީ ހުވައިގެ މައްސަލަޔަކީ މަޖިލީހުގެ ޖަލްސާޔަކަށް ހުށަހަޅައި، މަޖިލީހުގައި ބަޙުޘުކުރެވި، ވޯޓަށް އަހައި މަޖިލީހުން ގޮތެއް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދެކިނުލައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ސީޖީ ވިދާޅުވީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އަޣުލަބިއްޔާތު ނުވަތަ “ޕްރަޔޮރިޓީސް” ޙިމާޔަތްކޮށް ނެގެހެއްޓުމަކީ، ސިޔާދަތުގެ އެންމެ އިސްވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ.

އަދި މިމަހު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކިލަނބު ކުރުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!