ލައިފްސްޓައިލް

ކިތަންމެ ލޯބިވިޔަސް އެމީހަކު ނޫޅޭވަރަކުން ނޫޅޭށެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއްތާ ދޯއެވެ. އަމިއްލަ ދިރިއުޅުމައިގެން ހަމަޖެހިލައިގެން ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހުރެފައި "ލޯތްބޭ" ކިޔުނު ވަބާގައި ނުޖެހޭ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ.

Ads by MWSC

މީހަކު ދެކެ ލޯބިވެވުމުން ކުރެވޭ އިޙުސާސްތަކަކީ ވަރަށް ވެސް ތަފާތު އިޙުސާސެކެވެ. ބޭރުގެ ލިޔުންތެރިން ބުނާހެން ބުނަން މިއުޅެނީ މީހަކު ދެކެ ލޯބިވެވުމުން ބަނޑުގައި ކޮކާ އުދުހޭފަދަ އިޙުސާސެއް ކުރެވޭނެއެކޭ ނޫނެވެ.

ނަމަވެސް ތިމާ ހިތް އެދޭ މީހަކާއި ކުޑަކޮށް ނަމަވެސް ވާހަކަ ދައްކާލެވުމުން ހިތަށް ވަރަށް އަޖައިބު ކުރުވަނިވި އުފަލެއް ލިބެން ފަށައެވެ.

އެމީހަކު ބުނެލާ "ހާއި" އެއް ވެސް ތިމާމީހާގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވާނެ ފަދައެވެ. ގިނަ ވަގުތު ވާހަކަ ދެކެވި، އެމީހެއްގެ ދިރިއުޅުމާއި ބެހޭގޮތުން ވެސް ކަންތައް އެނގެން ފެށުމާއި، ކަންކަމާއިމެދު ވިސްނާ ގޮތް އެނގުމުން ވެސް އެމީހަކު ދެކެވާ ލޯބި އިތުރު ވެގެން ދެއެވެ.

ދެން ހޯދެން ފެށެނީ އެމީހެއްގެ ފަރާތުން ތިމާމީހާއަށް އެއްކޮށްފައި ބެހެއްޓޭނެ ހަނދާންތަކަށެވެ. ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަށް ރައްކާތެރި ކުރުމާއި، ފޮޓޯ ނަގައި އެމީހެއްގެ ފޮޓޯތައް ވެސް ރައްކާ ކުރުމާއި، އެމީހަކާއި އެއްކޮށް ވަގުތު ހޭދަކުރުމަށް ފޮނި އުންމީދުތައް ވެސް ކުރެވެން ފަށައެވެ. އަދި އެދުވަހަކަށް އިންތިޒާރު ވެސް ކުރެވެން ފަށައެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތު ލޯބިވާ މީހާއާއި ވާހަކަ ދައްކާ މާމަލުގެ ބޮޑެތި ބަގީޗާތައް ހައްދަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް "ލޯބި" އުފާވެރި ވަނީ ދެމީހުންގެ ފަރާތުން ވެސް އެކަކު އަނެކަކާއިމެދު އެފަދައިން ދެކޭނަމައެވެ. އެއް ފަރާތު ލޯތްބަކީ އަބަދުވެސް އަނެކާއަށް ހިތްދަތިކަން ދޭނެ އެއްޗެކެވެ.

ލޯތްބަކީ އުފާވެރި އެއްޗެއް ނަމަވެސް، އެއީ ނަފްސާނީ ގޮތުން ތިމާމީހާ ބަލިކަށި ވެސް ކޮށްލާ ކަމެކެވެ. ޚާއްސަކޮށް ތިމާ ހިތް އެދޭ މީހާ ތިމާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ފަހުން އަޅާވެސް ނުލާނަމައެވެ. ކުރިން އަބަދު ޗެޓުން ވާހަކަ ދެއްކި ނަމަވެސް، ފަހުން މެސެޖުތަކަށް ޖަވާބެއް ނުދީ ހާލު، ބަލާވެސް ނުލާ ނަމައެވެ. ޖަވާބެއްދޭ ފަހަރަކު ވެސް ދެ ބަހެއް ބުނެލާފައި އެމީހަކު އަވަހަށް ދިޔުމުން، ހިތަށް ހީވާނީ ހަންޖަރެއް ހެރޭ ހެންނެވެ.

އޭނާއާއި ވާހަކަ ދައްކަން ކުރާ މަސައްކަތްތަށް ބޭކާރު ވެގެން ދެއެވެ. އެއް އިރެއްގައި ޚަބަރެއް ނުވެ ގިނަވަގުތު ވުމުން އޭނާ ތިމާ ހޯދި ކަމުގައި ވިޔަސް، ފަހުން ބައެއް މީހުންނަށް ތިމާ ދުނިޔޭގައި ނެތަސް ވަރިހަމަވާ ފަދައެވެ. މިފަދަ ޚިޔާލުތަކަކީ އިންސާނާ ވަރަށް ބޮޑަށް ބަލިކަށި ކޮށްލާ ކަމެކެވެ. އަބަދުމެ ހިތާމަކުރަން ޖެހޭވެސް ކަމެކެވެ.

މިއީ ސިއްޙަތަށް ފައިދާހުރި ކަމެއް ނޫން ކަމުގައި ކަމާއިބެހޭ މާހިރުން ވަނީ ބުނެފައެވެ. އަދި އެމީހުން އެދެނީ އެމީހަކު ތިމާއާއި ހެދި ނޫޅޭ ވަރަކުން ތިމާ ވެސް އެމީހަކާއި ހެދި ނޫޅުމަށެވެ. އެހެން މީހުންނަށްވުރެ ބޮޑަށް އަމިއްލަ ނަފްސު ދެކެ ލޯބި ވުމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!