ޚަބަރު ސިޔާސީ

ދައުލަތުގެ މުދަލަށް ޚިޔާނާތް ވީކަން ސާބިތުވެފައިވާ ފަރާތްތަކަށް އަދަބު ނުލިބުމަކީ ބަލައިގަންނަ ކަމެއް ނޫން: އަދާލަތު ޕާޓީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދައުލަތުގެ މުދަލަށް ޚިޔާނާތް ވީކަން ސާބިތުވެފައިވާ ފަރާތްތަކަށް އަދަބު ނުލިބުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ޕާޓީން މިރޭ ބުނީ ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތް ވީކަމަށް އަމިއްލައަށް އިޢުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ނުލިބި ދިޔުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެ ޕާޓީން މިހެން ބުނެފައި މިވަނީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދިޔަ  ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަދަބު ލުއި ކޮށްދެއްވާ މިނިވަންކޮށްދީފައި ވާތީއެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައި ވާއިރު ބައެއް އެހެން ސިޔާސީ ފަރާތްތަކުންވެސް އަންނަނީ ވެރިކަން ނިމެން 4 ދުވަހަށް ވެފައި ވަނިކޮށް ރައީސް ޞާލިހް ނިންމަވާފައިވާ މި ނިންމެވުމަށް ފާޑު ވިދާޅުވަމުންނެވެ.

މިގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ އުސޫލު ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު، ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރިން ދޫކޮށްލައިފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ  ރައީސް ޞާލިހުގެ ދައުރު ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ދިން ލުޔަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އިތުރުން، ސިޔާސީ މަޤާމުތަކާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ މީހުންނަށް ދެވޭ ހިމާޔަތް ރަމްޒުކޮށްދޭ ނިންމުމެއް ކަމަށެވެ.

ހަމަ އެހެންމެ ނޮވެމްބަރު، 2018 ގައި ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެ ކަމުގެ ވައުދާ އެކު ކަމަށް ވިޔަސް އެ މަނިކުފާނުގެ ދައުރުގައި ފެނިފައި ވަނީ ކޮރަޕްޝަން ފަހިވުމާ އެކު ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވާ މީހުން ހިމާޔަތް ކުރާތަން ކަމަށް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.

  1. ކައިދާ

    ތިޔަހެން ތިޔަ ބުނީ ދައުރު ހަމަވެ ދެވަނަ ދައުރަކަށް އިބޫ ނުހޮވުނީމަ ހޮވިފައި ވަނިކޮށް އަދީބުއަށް މާފު ދިން ނަމަ ތިޔަ އިމްރާން ބުނާނެ ކަންނޭގެ ހިތްތިރި ރައީސްގެ އޯގާވެރިކަމޭ

  2. އެލެކޮސް

    ވަގުންނާ، ވާނީ ވަގުންނާ. ތިޔައީ އޮޅުމެއް ނެތް ކަމެއް!

  3. އާދަމް

    މިސަރުން ދައުލަތް ދަވާލުމާއި މުޖުރިމުންނާއި ޚިޔާނާތްތެރިން މިނިވަންކުރީ އަދާލަތުޕާޓީގެ ފުރިހަމަ ތާއީދާއެކު ޖޯ ބައިޑަން ދައްކާވާހަކަ މިހާރު އަދާލަތުން ތިދައްކަނީ އަދާލަތަކީ މިގައުމުގައޮތް އެއްމެ ކުރަޕުޓު ޕާޓީ