ފެނަކަ ސައީދު އިސްތިއުފާ ދެއްވަން ނިންމަވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސައީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މަޤާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވާ ކަމަށެވެ.
ސައީދު އިސްތިއުފާ ދެއްވާފައިވާކަމަށް ގިނަ ނޫސްތަކެއްގައި ރިޕޯޓުކޮށްފައިވާ ނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ވަކި ކޮން ސަބަބަކާއި ގުޅިގެންކަން ހާމަ ކޮށްފައެއް ނުވެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ސައީދު އައްޔަނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ޑިސެންބަރު 16، 2018 ގައެވެ.
ސައީދު މަޤާމުން އިސްތިއުފާ ދެއްވާފައި ވާއިރު ރައީސް ޞާލިހްގެ ރިޔާސީ ދައުރު އަންނަ ހުކުރު ދުވަހު ހަމަވާނެއެވެ.
މީގެ އިތުރުން ސައީދު މަޤާމުން އިސްތިއުފާ ދެއްވާފައި ވާއިރު، ފެނަކާއާ ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.