ކާވެންޏާއި ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ކޯޓުތަކަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފި

ކާވެންޏާއި ގުޅުންހުރި ފޯމުތައް މެޖިސްޓްރޭޓް ކޯޓުތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސަވައިފިއެވެ.
އެގޮތުން "ކާވެނި ޕޯޓަލް"ގެ ނަމުގައި ކާވެންޏާއި ގުޅުންހުރި ފޯމުތައް ކޯޓުތަކަށް ހުށަހެޅުމަށް ޕޯޓަލެއް ވަނީ ތަޢާރަފުކޮށްފައެވެ.
މިއީ ކާވެންޏާއި ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޢާންމުންނަށް ފަސޭހަކުރުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ ޕޯޓަލެއް ކަމަށް ޑީޖޭއޭ އިން ހާމަ ކުރެއެވެ.
މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.
ޑީޖޭއޭ އިން ވިދާޅުވީ ކޯޓުތަކަށް ހުށަހެޅޭ ކާވެނި ފޯމުތަކުގެ ތެރެއިން %60 އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ފޯމުތައް ކަމަށެވެ.
މީގެ އިތުރުން މިފަދަ ޕޯޓަލެއްގެ ސަބަބުން ކޯޓުތަކުން ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް ޑީޖޭއޭ އިން ހާމަކުރެއެވެ.
ޑީޖޭއޭ އިން ވިދާޅުވީ "ކާވެނި ޕޯޓަލް" އަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި ގުޅިގެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރި ކަމާއެކު ތަރައްޤީ ކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.
ކައިވެނި ޕޯޓަލް: Kaaveni.judiciary.gov.mv