ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވައިލައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ދެ ޤައުމުގެ މެދުގައި މި މަޝްވަރާތައަ ކުރައްވައިފައި ވަނީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްދަލުވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރ މެހްމަތް ނުރީ އާސޯއި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެލައްވާފައެވެ.
އަދި ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރު މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވެއެވެ.
އަދި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ސަޤާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.






ކޮމެންޓް