ޕިސީބީގެ މެމްބަރު ކަމަށް މުޣުނީ ޢައްޔަންކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ހަސަން މުޣުނީ ޢައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ހާމަކުރައްވައި ވިދާޅުވީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް މުޣުނީ އައްޔަނު ކޮށްފައިވަނީ މިއަދު ކަމަށެވެ.
އެންމެ ފަހުން އެބޭފުޅާ ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. އޭގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.
ހަމައެއާއެކު، މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.