އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ މިއީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށެވެ.
ނަމަވެސް މި ޖަލްސާގައި ޕާޓީގެ އިސްލީޑަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައިނުގަންނަވާކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ.
އެނގިފައިވާ ގޮތުގައި މިރޭ އުކުޅަހުގައި ބާއްވާ ޖަލްސާގައި ބައިވެރިވާ އެމްޑީޕީގެ ގިނަ އިސް އޮފިޝަލުން މިހާރު ވަނީ އުކުޅަހަށް ދަތުރުކޮށްފައެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ އުކުޅަހުގައި ބާއްވަން ނިންމާފައި ވާއިރު، އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ގައެވެ.