ލޯބިވާ މީހަކު ހަނދާނުން ފޮހެލުމަކީ އުނދަގޫ ކަމެކެވެ. އެހެނަސް އެއީ ނުކުރެވޭ ވަރުގެ ކަމެއްވެސް ނޫނެވެ.
ދާދި އިހަކަށް ދުވަހު ރައްޓެއްސަކާއެކު އަޅުގަނޑު ސައިތައްޓެއް ބޯލުމަށް ކެފޭއަކަށް ދިޔައީމެވެ. އެތަނުގައި އިނދެ އަޅުގަނޑު ދިޔައީ ފޭސްބުކު “ހާވަމުން” ނެވެ. އެގޮތުން އަޅުގަނޑުގެ ދިވެހި މުދައްރިސަކު ފޭސްބުކުގައި ހަދާފައިވާ “ތަރުވާޒު” ޕޭޖު ބަލާލީމެވެ.
ޕޭޖުގެ ފޮޓޯތައް ބަލަމުން ދަނިކޮށް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ މި ބަސްކޮޅެވެ. އިބުރަތުން ފުރިފައިވާ އެތައް ބަހެއް ގެނެސްދީފައި ވެއެވެ. ނަމަވެސް މި ބަސްކޮޅު ފެނުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. ލޯބިވާ މީހަކު ހަނދާނުން ދުވަހަކުވެސް ފޮހެ ނުލެވޭނެކަމަށް އެންމެން ގަބޫލެއް ނުކުރޭތާއެވެ. އާނއެކެވެ. އެބަސްކޮޅުގައި ވަނީ މިހެންނެވެ “ލޯބިވާ މީހަކު ހަނދާނުން ފޮހެލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެއީ ނުކުރެވޭ ވަރުގެ ކަމެއް ވެސް ނޫނެވެ”
އެދުވަހު ރަހުމަތްތެރިޔާއާ އެކު އުޅެލުމަށްފަހު ގެއަށް އައިސް އެކަމާމެދު އަޅުގަނޑު ފުންކޮށް ވިސްނާލީމެވެ. މީހަކު ދެކެ ލޯބިވެވި އެމީހެއްގެ މަތިން ހަނދާން ނައްތާ ނުލެވިގެން ހަމަ ހަގީގަތުގައި ވެސް އެތައް ބަޔަކު އުޅެއެވެ. އޭގެ ގިނަ ބަޔަކު އަޅުގަނޑަށް ވެސް އެނގެއެވެ.
އެއްވެސް ކަމަކީ އަބަދަކު އެއްގޮތަކަށް އޮންނާނެ ކަން ކަމެއް ނޫން ކަން ޔަގީނެވެ. ދިރިއުޅުމުގައި ހިނގާ ކަންކަމަކީ ވެސް ބަދަލުވާނޭ ކަން ކަމެވެ. އަދި ދިރިއުޅުމުގައި އެކުގައި އުޅޭ މީހުންނަކީ ވެސް ބަދަލު ވެދާނޭ ބައެކެވެ. އެހެނީ އިންސާނާގެ ހިތަކީ ހަގީގަތުގައި ވެސް އެނބުރޭ ވަހުތާނެއް ފަދަ އެއްޗެކެވެ. މިއަދު ތިބާ ދެކެ އިންތިހާއަށް ލޯބިވާ މީހަކު ވެސް މާދަމާ ތިބާއަށް ނަފުރަތު ކޮށްފާނެއެވެ. މިރޭ ނުހަނު ލޯބިން ވާހަކަ ދައްކާފައި ހެނދުނު އިރު އަރާ އިރު ތިބާދެކެ އިންތިހާއަަށް ރުޅި އައިސްފައި ވެސް ހުރެދާނެއެވެ.
ދެމީހަކު ލޯބީގެ ގޮތުން ގުޅެނީ އެތަކެއް ހުވާ ތަކާއި ވައުދުތަކެއް ކުރުމަށް ފަހުގައެވެ. ވަކި ނުވުމަށާއި އެކުގައި އުޅުމަށް އިގުރާރު ވުމަށް ފަހުގައެވެ. ދުވަހަކުވެސް ދޫކޮށް ނުދިއުމަށް އެތަކެއް އަހުދުތަކެއް ވުމަށް ފަހުގައެވެ. ނަމަވެސް ގިނަ ފަހަރަށް ފެންނަ މަންޒަރަކީ ދެމީހުންކުރެ ކޮންމެވެސް އެކަކު ގުޅުމުގެ މަތިން ފޫހިވުމެވެ. ނުވަތަ ދެމީހުންގެ ދޭތެރޭގައި އެތަައް މައްސަލަ ތަކެއް ކުރިމަތިވުމެވެ. އާޚިރު ނަތީޖާއަކަށް ވަނީ ދެމީހުން އެތައް އުއްމީދުތަކަކާއެކު އާރާސްތު ކުރި ލޯބީގެ ގުޅުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކެނޑިގެން ދިޔުމެވެ.
ލޯބިވާ މީހަކު ދިރިއުޅުމުން ވަކިވެގެން ދިޔުމަކީ ހަމަ ގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. އެކުގައި ދެމީހުން ހޭދަ ކުރި ހުރިހާ ދުވަސްތަކެއްގެ ހަނދާންތަކުން ދިރިއުޅުމުގައި ކުރިއަށް ދާން އުނދަގޫ ވެދާނެއެވެ. އެހާވަރަށް ލޯބިވީ މީހެއްގެ ހަނދާންތަކާ ދުރުވުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
ލޯބިވާ މީހަކު ހަނދާނުން ފޮހެލުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެ މީހެއްގެ ހަނދާނުގައި މުޅި އުމުރު ހޭދަ ކޮށްލުމަކީ މޮޔަ ކަމެކެވެ.އެމީހެއްގެ މަތިން ހަނދާން ނައްތާލުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް އެއީ ނުވާނެ ކަމެއް ނޫނެވެ. ދިރިއުޅުމުގައި އުނދަގޫ ކަންކަމާ ކުރިމަތި ލާން ޖެހޭނެއެވެ. ނަމަވެސް އެކަންކަމާ ހިތްވަރާއެކު ކުރިމަތިލައި އެކަންކަމުން ކުރި ހޯދޭނެއެވެ
ތެދެކެވެ. ލޯބިވާ މީހަކު ހަނދާނުން ފޮހެލުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް އެއީ ނުވާނޭ ކަމެއް ވެސް ނޫނެވެ.