ލައިފްސްޓައިލް

‎ތިމާ ދެކެ ލޯބިވާ މީހުންނާ އެހައި ބޮޑަށް ދުރު ނުވާށެވެ. އެހެންނޫނީ އެމީހުން ތިމާއާ ނުލައި އުޅެން ދަސްކޮށްފާނެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއެއްޗެއްގެ މުހިއްމުކަން އެނގޭނީ އެ އެއްޗެއް ބީވެގެން ދިޔުމުންނޭ ބުނާ އަޑު އަބަދުވެސް އަހަމެވެ. ހަގީގަތުގައިވެސް މީ ކަންވާ ގޮތެވެ. ތިމާ ދެކެ ލޯބިވާ މީހަކު ތިމާއާ ދުރުވުމުން އެމީހެއްގެ މުހިންމުކަން ތިމާއަށް އިހުސާސް ކުރެވެން ފަށާނެއެވެ. އެ ގެއްލުނީ ކިހާ އަގުހުރި ޖަވާހިރެއްކަން ތިމާއަށް ވިސްނެން ފަށާނެއެވެ. އެމީހަކު ގެއްލުނީތީ ތިމާ އެކަމާ ދެރަވެ ހިތާމަ ވެސް ކުރާނެއެވެ. އެހެން ނަމަވެސް ތިމާއަށް އެޅޭ ޅައެއްޗެއްގެ ސަބަބުން ތިމާގެ ދިރިއުޅުމުން ތިމާ ދެކެ އެންމެ ލޯބިވާ މީހާ ދުރުވެއެވެ. ފަހުން އެކަމާ ދެރަވެ ހިތާމަ ކުރާނެއެވެ.

Ads by STELCO

ދުވަހުގެ ހުރިހާ ވަގުތެއް ތިމާ ދެކެ އެންމެ ލޯބިވާ މީހާއަށް ދީގެން އުޅުމަކީ ތިމާގެ ދިރިއުޅުން ކުރިއަރުވަން މަސައްކަތް ކުރުމަށް އެޅޭނެ ހުރަހެއްކަން ޤަބޫލު ކުރަމެވެ. އެހެން ނަމަވެސް ތިމާގެ ބުރަ ތާވަލުން ކުޑަ ވަގުތު ކޮޅެއް ހުސްކޮށްލުމަށް ފަހު ނަމަވެސް އެމީހެއްގެ ޙާލު އަހުވާލު ބަލައިލާ ހަދާށެވެ. މާ ބޮޑު މުހިންމު ކަމެއްނުދީ ކުރާ ކަންކަމުގައި ބާކީ ކޮށްގެން އުޅުމަކީ އޭނާ ތިމާއާ ވެސް ދުރުވާން ލިބޭނެ ފުރުސަތެކެވެ. ވީވަރަކުން ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. ސަކަ ވާހަކަތައް ދައްކައި މަޖާކޮށް، ދުވަސް ދިޔަ ގޮތް އެކަކު އަނެކަކަށް ހިއްސާ ކޮށްލާށެވެ. އޭރުން އޭނަގެ ހިތުގައި ތިބާއަށް ޓަކައި އޮތް ލޯބި އިތުރުވާނެއެވެ. ތިމާއާ ދުރުވާން އުނދަގޫ ވާނެއެވެ.

ކިތަންމެ ކުޑަ ކަމެއް ވީ ނަމަވެސް އެކަން އޭނާއާ ހިއްސާ ކުރާށެވެ. މިކަހަލަ ކުދިކުދި ކަންކަން ނުކުރެވުމުގެ ސަބަބުން ތިމާގެ ދިރިއުޅުމުން ބީވެގެން އެ ދަނީ ކިހާވަރެއްގެ ޖަވާހިރެއްކަން ތިމާއަށް ވިސްނޭ ހެއްޔެވެ؟ ތިމާއަށް ޓަކައި އަބަދުވެސް ހެޔޮ އެދޭ ގާތް މިތުރެކެވެ. ތިމާއަށް މިކަން ނުވިސްނުން ކަމުގައި ވީ ނަމަވެސް މީ އިންސާނެއްގެ ދިރިއުޅުމުގައި ހާދަ މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. ތިމާ ދެކެ ވާ ލޯބީގެ ބަދަލު ތިމާގެ ކޮޅުފައިން ޖަހަނީ ކަމުގައި ވާނަމަ ކަންވާނީ ވެސް މިހެންތާއެވެ. ދެން ޝަކުވާ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ބައެއް ފަހަރު ތިމާ ދެކެ ކިތަންމެ ލޯބިވާ މީހަކު ހުރި ކަމުގައި ވީ ނަމަވެސް ޙާލަތަށް ބަލައި އޭނާ ދުރުކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އެހެން ނަމަވެސް މީ ބައެއް ޙާލަތްތަކުގައެވެ. މިސާލަކަށް ތިމާ ދެކެ ކިތަންމެ ލޯބިވާ މީހެއްކަމުގައި ވީ ނަމަވެސް އޭނަގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމުގައިވާ ނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާ ތިމާގެ ޙަޔާތުން ނެރެލުމެވެ. އެފަދަ މީހުންނަކީ ތިމާގެ ހަޔާތުގައި، ވިހަގަދަ ހަރުފަތަކެކެވެ. އެންމެ މުހިންމު ކަމެއް ގޮތުގައި ތިމާގެ ޙަޔާތުން އެފަދަ ހެޔޮ އެދޭ ރައްޓެހިންނާއި ތިމާގެ ދިރިއުޅުން ހަލާކެއްގެ ތެރެއަށް ވައްޓައިލާ ރަހުމަތްތެރިން ވަކި ކުރަން ދަސްކުރާށެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!