ޑރ. މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް: އާމިރު

އަލަށް އުފެދިފައިވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއަށް ނިސްބަތްވާ އާމިރު މިހެން ވިދާޅުވެފައިވަނީ, ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއިން ވަކިވެ ވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އައު ޕާޓީއެއް ރައީސް ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޓްވީޓެއްގައި އާމިރު ވިދާޅުވީ, މިއަދުގެ ހާލަތަށް ބަލާއިރު ޑރ. މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިންގަން ފުރުސަތު ދިނުމަށް އާމިރު ވަނީ ގޮވާލާފައެވެ.
"ޤައުމު މިވަގުތު އޮތް ހާލަތައް އެކަނި ވިސްނާލި ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް. ހުރިހާ ފަރާތްތަކުން ވެސް ސަރުކާރު ހިންގަން ފުރުސަތު ދޭން ޖެހޭ" އާމިރު ވިދާޅުވިއެވެ.
އާމިރު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީއޭއިން މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮތީ އޭރު ސަރުކާރުގައި އޮތް އެމްޑީޕީއާއެކު ކޯލިޝަނެއްގައެވެ. ނަމަވެސް ދެވަނަ ބުރަށް މަދު ދުވަސްކޮޅެއް ވެފައިވަނިކޮށް, އެމްޑީޕީގެ ކޯލިޝަނުން ވަކިވެ, އެމްޑީއޭއިން ވަނީ މިހާރުގެ ސަރުކާރުގެ ޕާޓީ, ޕީއެންސީއަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.



.jpeg?prefix=media)



ކޮމެންޓް