ޕީޕީއެމް މެމްބަރުން ލަސްނުކުރައްވާ ރައީސް ޔާމީންގެ ޕާޓީއާ ގުޅިވަޑައިގަތުމަށް މަލީހު ގޮވާލައްވައިފި

ޕީޕީއެމް މެމްބަރުން ލަސްނުކުރައްވާ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ޕާޓީއާ ގުޅިވަޑައިގަތުމަށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން އަންނަ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.
މަލީހް މިފަދައިން ގޮވާލެއްވީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ އަމާޒު ހިފައި، އެ ޕާޓީގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އީސީ އަށް އިތުރަށް މިހާތަނަށް 12،000 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ ޕީޕީއެމް ފައްތާލަން ރޭވި ނުބައި ރޭވުން މިހާރު ފަޅާއަރާފައިވާ ކަމަށެެވެ. އެކަމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ޕީޕީއެމް މެމްބަރުން ލަސްނުކުރައްވާ ރައީސް ޔާމީން ޕާޓީ ޕީއެންއެފް އާއި ގުޅިވަޑައިގަތުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.
"މަކަރުވެރިންގެ ރޭވުން އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ފަރާތަކީ މާތް ﷲ" މަލީހް ވިދާޅުވިއެވެ.







ކޮމެންޓް