ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސް ވިދާޅުވެއްޖެ
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ 4 އިންސައްތާގައި ކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު މިކަމަށް ހޯދުން ކަމުގައި ވިދާޅުވެފައެވެ. އަދި މިކަން ޙާޞިލްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ.
ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ބިނާވާންޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ޤާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖަޢާކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.