ޚަބަރު

ޗައިނާއަކީ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާ: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by MWSC

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އައު ދައުރު ފެށްޓެވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ޗައިނާއިން އަބަދުވެސް ދިވެހިރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ޗައިނާއިން ދަމަހައްޓާނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދިވެހިންގެރާއްޖެ އަކީ ބަނގުރަލާއި އޫރުމަސް ވިއްކަންޖެހޭ ވަރުގެ ފަޤީރު ޤައުމެއްނޫން އެޔަށްވުރެން މާމުއްސަދި ވިއްކާނެ އެއްޗެހި ހުރި ޤައުމެއް، އޫރު މަހުގެ ބަދަލް ގައި ތަފާތު ކަނޑުމަސް، ބަނގުރަލުގެ ބަދަލުގައި ކުރުބާ ފަނި ތަފާތު މޭވާޖޫސް ވިއްކިދާނެ ޤައުމެއް !

  2. ބަނގުރަލާއި އޫރުމަސް ވިއްކަނީ ވިއްކާނެއް އެއްޗެއްވެސް ނުލިބިފައި ތިބޭ ވަރަށް ފަޤީރު ޤައުމުތަކުން، ދިވެހިރާއްޖެ ކަހަލަ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ މުއްސަދި ޤައުމަކުން އެކަހަލަ އެއްޗެހި ވިއްކުމަކީ ވަރަށް ހުތުރު ލަދުވެތިކަމެއް !😆