ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުތަކާއިވެސް ހިލާފުވެފައި ނޯންނާނެ: އީވާ

ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން މަޖިލީހުގެ ގަވައިދުތަކާއިވެސް ހިލާފުވެފައި ނޯންނާނެ ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފުވީ ކޮންބައެއް އިނގޭ ކަމަށާއި އެކަންކުރީ ކޮން މަގުސަދެއް ހާސިލުކުރުމަށްޓަކައިކަން ކޮންމެވެސް ދުވަހަކުން ހާމަވަގެންދާނެކަމަށެވެ.
އަދި އެމްޑީޕީން އޭނާއަށް އަދަބު ލިބުނީ އެ ސަރުކާރުން މާބޮޑަށް އީވާ އާއި މެދު ނުރުހުމުން ކަމަށާއި އެއީ އެ ސަރުކާރުގެ ބައެއް ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކެވުމާއި އެ ސަރުކާރުން އެޅި ބައެއް ގޯސް ފިޔަވަޅުތަކަށް ފާޑުވިދާޅުވުމުން ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީއާ އެކު އިގުރާރެއްގައި ސޮއި ކުރައްވައިގެން އެމްޑީޕީގެ ޓިކެޓް ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ.
އީވާއަށް އެމްޑީޕީގެ މެންބަރުން ވޯޓު ދިނީ އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ޕާޓީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އީވާ އަމިއްލަފުޅަށް އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.