ޚަބަރު ސަރުކާރު

ޗައިނާގައި ތަޢުލީމް ހާސިލްކުރާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ހުސައިން ބައްދަލު ކުރައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރަންމަންޓް ސްކޮލަރޝިޕްގެ ދަށުން ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން ނައިބު ރައީސް މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަންވެސް ނައިބު ރައީސް ވަނީ ބަޔާންކުރައްވާފައެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެ މައްސަލައަށް ކައިރި މުސްތަޤްބަލެއްގައި އަވަސް ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހި ދަރިވަރުންވެސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މަޢުލޫމާތު ނައިބު ރައީސްއާ ޙިއްޞާ ކުރައްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބު ރައީސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!