ޚަބަރު

ރައީސްގެ އުންމީދީ ވައުދެއް މަސްވެރިންނަށް: 100 މެޓްރިކް ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް ތަރައްޤީކުރާނަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފެލިވަރު ކާރުހާނާގެ އިތުރުން 100 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ 43 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް މިވީ ދެތިން ހަފުތާގެ ތެރޭގައި މަސްވެރީންނަށް ވެވަޑައިގެންވި ވަޢުދުތަކުގެ މަތިން ވަރަށް ބޮޑަށް ހަނދާންކުރިކަމަށެވެ. އަދި އެމަނިކުފާނަކީ ވަޢުދު ހަނދާން ނެތޭނެ ނުވަތަ ވަޢުދު ހަނދާން ނައްތާލާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވެރިކަމާއި ހަވާލުވުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯއްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް މި ކުރީ ތުރުކިޔޭއަށް. މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫޢެއްކަމުގައި ކަނޑައެޅީ ދިވެހި މަސްވެރިކަން. ތިޔަ ހިންމަތްތެރި މަސްވެރީންގެ އުދާސްތަކަށް އަޅުގަނޑަށް އުންމީދު ލިބުނު. އިތުބާރު ލިބުނު. އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކިޔޭގެ މާރުކޭޓު ތަނަވަސްކަމާއެކު ހުޅުވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަސް ބަންދުުކުރާ އިތުރު ކާރުހާނާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން 100 މެޓްރިކް ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް ތަރައްޤީކުރާނެކަން ރައީސް އިއުލާންކުރެއްވިއެވެ.

"އެހެންމެ ފެލިވަރު ކާރުހާނާ އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރެވޭ މަސައްކަތުގެ ތެރޭގައި އިތުރު 100 މެޓްރިކްޓަނުގެ ދަޅު މަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ. މިއީ މިފްކޯއިން އަގުއެއްކުރެވިގެން އެކްސްޕޯޓްކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ފުރުޞަތެއް" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސިނާއަތަށް ކުރިއެރުންތަކެއް ލިބޭނެކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިފްކޯގެ ހިންގުން މީގެފަހުން ކުރިއަށްދާނީ މަސްވެރިންގެ ސީދާ ބައިވެރިވުން އޮވެގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު މަސްވެރީންގެ ބަސް މަސްވެރީންގެ އަޑު އެ ކަމުގައި ހިމެނުން. އެ ކަމަށް ޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރީން ބައިވެރިވެ މަސްވެރީން އެ ބޯޑު ތަމްސީލުކުރާނެ. މިފްކޯ ތަރައްޤީ ކުރުމުގައި އަދި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި މިފްކޯގެ ޕްރޮގްރާމުތައް ހިންގުމުގައި މަސްވެރީން ސީދާ ބަސްކިޔައ،ި މަސްވެރީންގެ ޙައްޤުތައް ހޯދުމުގައި މަސްވެރިން ބާރުވެރިކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރީންގެ އަގުވަޒަންކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަންވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ނިންމާފައިވާނީ ދިވެހި ދައުލަތަކީ ދިވެހި މަސްވެރީންނަކީ ކޮބައިކަން ދަންނަ ދައުލަތަކަށް ހެދުންކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަމަށް ޓަކައި ދިވެހި މަސްވެރީންގެ ޤައުމީ ދަފުތަރެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ފާސްކުރައްވާފައިވާކަމަށާއި، އެ ދަފުތަރުގެ ބޭނުމަކީ ދިވެހި މަސްވެރީންނަށް ދިމާވާ މާލީ އިޤުތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަސައްކަތާއެކު ދިވެހި މަސްވެރީން، ބެންކުގެ ނިޒާމުގެ ތެރެއަށް ގެނެވޭނެކަމަށާއި މި ކަމުގެ ސަބަބުން މަސްވެރިކަން ދަށް ދުވަސްވަރު ދައުލަތުން މަސްވެރީންނަށް އެހީތެރިވުމުގެ އިތުރުން، މަސްވެރިކަމާއި ގުޅުން ހުރި އެކިއެކި މަސައްކަތް ފަށައިގަތުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ބެންކު މެދުވެރިކޮށް ފަހިކޮށްދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސޮރީސޮރީ

    ސާބަހޭ އެމްޑީޕީ އާޒިމް މިފަހަރު ގަދަ ހިފުމުގައި ވާދަކުރާނީ ދެ ސިންގާ އިން ކަމަށްވާ ޕީއެންއެފް އާއި އެމްޑީޕީ މިކަމުގައި އެމްޑީޕީގެ ނުފޫޒު އޮންނަ މީހުންގެ ވޯޓް އެމްޑީޕީ އަށް ނުދޭނަމަ ދެން އެ ވޯޓް ދޭން ޖެހޭނީ ޕީއެންއެފް އަށް އެއިރުން ޕީއެންއެފް ވެސް އެކަން އެގޮތަށް ކޮށްދޭނަމޭ ބެނުމަކީ ޕީޕީއެމް ޕީއެންސީ ފުނޑާލުމޭ ޔޫ ގޮޓާ ގޯ އެން ގެޓް އެންގްރީ އެޓް އޯލް އޮފް އަވަރ އޮނެސްޓީ ޔޫ ނޯ އައި ޓްރައި ބަޓް އައި ޑޯން ޓޫވެލް ވިދް އެޕޮލޮޖީޒް އައި އޭމް ސޮޜީ ސޮރީ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް….